14 Oct 2023, 10:23
ޒުވާން ޕްރޮޑިއުސަރު ރެއާ ކަޕޫރު 2018 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ވީރޭ ދި ވެޑިންގް"ގެ ދެވަނަ ބައި އުފައްދާނެކަން ކަށަވަރު ކޮށް ދީފިއެވެ.
މެދު ޢުމުރުގެ އަންހެނުން ތަކެއްގެ ދިރިއުޅުން ދައްކުވައި ދިން މި ފިލްމުގެ ދެވަނަ ބައިގައި ގެނެސްދޭން ނިންމާފައި ވަނީ މުޅިން ތަފާތު ވާހަކަ އެއް ކަމަށާއި ކުރީގެ ފިލްމާ ދެވަނަ ބަޔާ އެއްވެސް ގުޅުމެއް ނުވާނެ ކަމަށް ރެއާ ވަނީ ބުނެފައެވެ.
ފިލްމު "ހޫބުސޫރަތު" އަދި "ފްރެޑީ" ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ޝަޝަންކާ ގޯޝް ގެ "ވީރޭ ދި ވެޑިންގް" އަކީ އެކްތާ ކަޕޫރު އަދި ރެއާ ކަޕޫރު ބައިވެރިވެގެން ޕްރޮޑިއުސް ކުރި ފިލްމެކެވެ.
އިންޑިއާގެ ނިވްސް 18 އަށް ދިން އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން ރެއާ ބުނީ "ވީރޭ ދި ވެޑިންގް" ގެ ދެވަނަ ބައެއް އުފައްދަން ގަސްތު ކުރިތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެކަން އިއުލާނު ކުރަން ބޭނުން ނުވީ ފުރަތަމަ ބަޔަށް ވުރެ ރީތި ތަފާތު ސްކްރިޕްޓެއް ތައްޔާރު ނުކުރެވި އޮތުމުން ކަމަށެވެ.
ފިލްމު "ވީރޭ ދި ވެޑިންގް" ރިލީޒް ވުމާއެކު ފިލްމަށް ލިބުނު މަގުބޫލު ކަމާއެކު އަންހެން ތަރިންނަށް އަމާޒުކޮށް އުފައްދާ ފިލްމު ތަކަކީ ވެސް ބޮކްސް އޮފީހުގައި ކާމިޔާބު ހޯދޭނެ ފިލްމު ތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. ފިލްމު އިންޑަސްޓްރީ އަކީ، އާއްމު ގޮތެއްގައި ބަތަލާއިންނަށް ވުރެ ބޮޑަށް ބަތަލުން ނަށް އިސްކަންދޭ ދާއިރާއެއް ގޮތަށް ވަރަށް ގިނަ ބަތަލާއިން ފާހަގަ ކުރެއެވެ.
މިހާތަނަށް ރެއާ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ ގިނަ ފިލްމު ތަކަކީ ބޮޑަށް ބަތަލާއިންގެ ވާހަކަ ސްކްރިޕްޓްގައި ހިމެނޭހެން ޕްރޮޑިއުސް ކޮށްފައިވާ ފިލްމު ތަކެވެ. އޭގެ ތެރޭގައި ފިލްމު "އައިޝާ"،"ހޫބުސޫރަތު" އަދި މި މަހު ހަވަނަ ދުވަހު ރިލީޒްވި ކޮމެޑީ ފިލްމު "ތޭންކް ޔޫ ފޯ ކަމިންގް" ހިމެނެއެވެ. ރެއާ އާއި އެކްތާ ކަޕޫރު ޕްރޮޑިއުސް ކޮށް އަންނަ އަހަރު ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ފިލްމު "ދަ ކްރޫ" އަކީ ވެސް ގިނަ އަންހެނުން ތަކެއްގެ ދިރިއުޅުމުގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.