އިންޑިއާގެ މުމްބާއީގެ މެޓްރޯ ރޭލުގައި އިއްޔެގެ ވަގުތެއްގައި ދަތުރު ކުރި އާއްމުންގެ ގިނަ ބަޔަކު ހައިރާން ކުރުވީ ކުއްލިއަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އެ ރޭލަށް އެރުމާ ގުޅިގެންނެވެ.

ރިތިކްއަށް ތަރުހީބު ކުރާ ގިނަ ބަޔަކު ވެސް ދަތުރު ކުރި މި ރޭލަށް ރިތިކް އެރުމާ އެކު އެ މީހުންނަށް ލިބުނީ އިންތިހާ އުފާވެރި ކަމެކެވެ.

ރިތިކް ރޯޝަންގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ރޭލު ގައި ހޭދަވި ވަގުތު ސަޕޯޓަރުންނާ އެކު ނަގާފައިވާ ފޮޓޯތައް ވަނީ ހިއްސާ ކޮށްފައެވެ. ރިތިކްގެ އަމިއްލަ ލަގްޒަރީ ކާރުން ދަތުރު ކުރުމުގެ ބަދަލުގައި ރިތިކް ބޭނުންވީ މުމްބާއިގެ ދިގު ޓްރެފިކު ކިޔޫ އަދި އަވިން ސަލާމަތްވެ ގަޑިއަށް ޝޫޓިންގްއަށް ދިއުމަށެވެ.

އެހެންވެ މުމްބާއީގައި ކުރިޔަށް ދިޔަ ފިލްމު "ފައިޓާ"ގެ ޝޫޓިންގް ޝެޑިއުލްއަށް އެންމެ އަވަހަށް ދެވެން އޮތީ މެޓްރޯ ރޭލުން ކަމަށް ވާތީ ރިތިކް އެގޮތް ޚިޔާރު ކުރީ ކަމަށް އެކްޓަރުގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އާއްމުންނާ އެކު ކުރި ރޭލު ދަތުރުގެ ތަޖުރިބާ ހިއްސާ ކުރަމުން "ކްރިޝް"ގެ އެކްޓަރު ބުނީ ރޭލުގައި ދަތުރުކުރި އާއްމުންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން ފޮލޯވާސްއާ ހިއްސާކޮށްލަން ބޭނުންވާ ކަމަށެވެ.

ޒުވާން ޢުމުރު ފުރައިން ފެށިގެން މެދު ޢުމުރުގެ މީހުންނާ އެކު ޢުމުރުން ދުވަސްވީ މީހުން ވެސް ރިތިކް އާއެކު ވަނީ ފޮޓޯތައް ނަގާ ސޯޝަލް މީޑިއާ ގައި ހިއްސާ ކޮށްފައެވެ. ރިތިކްގެ މި ދަތުރު ބައެއް ފަރާތްތަކުން ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ނަން ދީފައި ވާއިރު އެކްޓަރު އަނިލް ކަޕޫރު ބުނީ ރިތިކް އަކީ ހަޤީޤަތުގައި ވެސް ވަރަށް ހިތްތިރި ފައިޓާ އެއް ކަމަށެވެ.

މިދިޔަ އަހަރު އެކްޝަން ތުރިލާ "ވިކްރަމް ވެދާ"އިން ފެނުނު އެކްޓަރު އަންނަނީ ޑައިރެކްޓަރު ސިދާތު އާނަންދުގެ އެކްޝަން ފިލްމު "ފައިޓާ"ގައި މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރު ޖަނަވަރީ މަހު ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވާ ފިލްމުން ބަތަލާ ދިޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރު މުހިއްމު ރޯލް ކުޅޭނެއެވެ.