މެންޗެސްޓާ ސިޓީގައި ފުރުސަތު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް ގެންދިއުމަށް ބަޔާން މިއުނިކުން ވިސްނަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ސްޕެއިން މިޑްފީލްޑަރު ރޮޑްރީގެ ބަދަލުގައި ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކަރަބައޯ ކަޕްގައި ނިއުކާސަލްއާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގައި ފިލިޕްސްއަށް ފުރުސަތު ދީފައެވެ. އެ މެޗުން ސިޓީ ބަލިވި އިރު، ފިލިޕްސްއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މިދިޔަ ސީޒަނެކޭ އެއްގޮތަށް މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ފިލިޕްސްއަށް ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފިލިޕްސްއަށް މި ސީޒަނުގެ މިހާތަނަށް ކުޅެވިފައިވަނީ އެންމެ 70 މިނެޓެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޖެނުއަރީ ޓްރާންސްފާގައި ފިލިޕްސް ގެންދިއުމަށް ބިޑެއް ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ބަޔާނުން ދަނީ މަޝްވަރާކުރަމުންނެވެ. ބަޔާނުން ފުރަތަމަ މަސައްކަތްކުރާނީ ލޯނު އެއްބަސްވުމެއްގެ ދަށުން ގެންގޮސް، ފިލިޕްސްގެ ކުޅުން ރަނގަޅު ނަމަ، ދާއިމީ ކޮންޓްރެކްޓެއް ހުށަހެޅުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޓީން ވެސް ފިލިޕްސް ދޫކޮށްލުމަށް ތައްޔާރަށް ހުރި ކަމަށް އެ ކްލަބުން އޭނާއަށް މީގެ ކުރިން ވަނީ އަންގައިފައެވެ. ނަމަވެސް އެހެން ކްލަބަކާ ގުޅުމުގެ ބަދަލުގައި ފިލިޕްސް މަސައްކަތްކޮށްފައިވަނީ ސިޓީގެ ޓީމުން މަގާމެއް ކަށަވަރުކުރުމަށެވެ.

ސިޓީން ފިލިޕްސް ހޯދާފައިވަނީ މިދިޔަ އަހަރު ލީޑްސް ޔުނައިޓެޑުންނެވެ. ސިޓީން 45 މިލިއަން ޕައުންޑުގެ އަގަކަށް ފިލިޕްސްގެ ސޮއި ހޯދި އިރު، އޭނާ ދިޔައީ އިނގިރޭސި ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.