13 Oct 2023, 23:01
ސްޕެއިންގެ ގައުމީ އަންހެން ޓީމުގެ ކޯޗުކަމުން ވަކިކުރި ޖޯޖް ވިލްޑާ، މޮރޮކޯގެ އަންހެން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ސްޕެއިނަށް މި އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިންތާ 16 ދުވަސް ތެރޭ ވިލްޑާ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ވޯލްޑް ކަޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިން ޓީމުގެ ފޯވަޑް ޖެނީ ހާމޯސޯއާ މެޗު ސްޕެއިން ފެޑެރޭޝަންގެ ރައީސްގެ މަގާމުގައި އޭރު ހުރި ލުއިސް ރުބިއަލޭސް ބެހެއްޓި އަމަލުތަކެއްގެ ސަބަބުންނެވެ.
އެ އަމަލުތަކާ ގުޅިގެން ފީފާ އިން ރުބިއަލޭސް ސަސްޕެންޑުކޮށްފައި ވަނިކޮށް، އޭނާ ވަނީ ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދީފައެވެ. ރުބިއަލާސްގެ އެ މައްސަލަ, ޖިންސީ އަނިޔާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ އިރު، އެ ތަހުގީގުގެ ތެރެއިން ކޯޗު ވިލްޑާގެ މައްސަލަ ވެސް ބަލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ވިލްޑާ ވަކިކުރި ނަމަވެސް، މޮރޮކޯގެ އަންހެން ގައުމީ ޓީމުގެ ކޯޗަކަށް އޭނާ ހަމަޖެއްސިކަން މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭނާ އެ މަގާމާ ހަވާލުވާނީ 2021 ވަނަ އަހަރުން ފެށިގެން މޮރޮކޯ ޓީމުގެ ކޯޗަކަށް ހުރި ރޭނަލްޑް ޕެޑްރޯސްގެ ބަދަލުގައެވެ.
މޮރޮކޯ ޓީމު ފުރަތަމަ ފަހަރަށް އަންހެނުންގެ ވޯލްޑް ކަޕަކަށް ކޮލިފައިވީ މިއަހަރުއެވެ. ރަނގަޅު ނަތީޖާތަކަކާއެކު މޮރޮކޯ އިން ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ނަމަވެސް، ފްރާންސް އަތުން ވަނީ ބަލިވެފައެވެ. މޮރޮކޯ އަކީ މިދިޔަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނުންނެވެ.
އަންނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގައެވެ. އެހެންކަމުން މޮރޮކޯ ޓީމާއެކު ވިލްޑާ ކުރިމަތިލާ ފުރަތަމަ ބޮޑު މުބާރާތަކަށް ވެގެންދާނީ އެފްރިކާ ކަޕް އޮފް ނޭޝަންސްއެވެ.