ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، އާޖެންޓީނާ ގައުމީ ޓީމާ އެކު ރެކޯޑެއް މުގުރާލައިފިއެވެ.

މާޓިނޭޒް ރެކޯޑު ހަދާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 1-0ގެ ނަތީޖާއަކުން ޕެރަގުއޭ އަތުން އާޖެންޓީނާ މޮޅުވި މެޗުގައެވެ. އެ ރެކޯޑަކީ ގޯލެއް ނުވަދެ، އެންމެ ގިނަ ވަގުތު ހޭދަކުރި އާޖެންޓީނާ ގައުމީ ޓީމުގެ ގޯލްކީޕަރުގެ ރެކޯޑެވެ. އޭނާ ވަނީ ގޯލެއް ނުވަދެ، 609 މިނެޓު ހޭދަކޮށްފައެވެ.

މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސް އަތުން މޮޅުވި މެޗަށް ފަހު، މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މާޓިނޭޒްގެ ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. މާޓިނޭޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗަށް ފަހު އޭނާ ވަނީ އާޖެންޓީނާއިން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗަކާއި ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗެއް ކުޅެފައެވެ. އެ ހުރިހާ މެޗަކުން ވެސް އާޖެންޓީނާ ވަނީ މޮޅުވެފައެވެ.

އާޖެންޓީނާއިން މޮޅުވި އެކުވެރިކަމުގެ މެޗުތަކަކީ ޕެނަމާ، ކުރަކާއޯ، އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އަދި ކޮލިފައިންގައި ޕެރަގުއޭގެ އިތުރުން އާޖެންޓީނާ ވަނީ އެކުއެޑޯ އަދި ބޮލީވިއާ އަތުން މޮޅުވެފައެވެ. އެއިން އެއްވެސް މެޗެއްގައި މާޓިނޭޒްގެ ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި އާޖެންޓީނާ އޮތީ ތާވަލުގެ އެންމެ ކުރީގައެވެ. އާޖެންޓީނާ އާއި ދެވަނައިގައި އޮތް ވާދަވެރި ބްރެޒިލްއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އާޖެންޓީނާ އިން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ އިރު، ބްރެޒިލް ވަނީ އެއް މެޗުން އެއްވަރުވެފައެވެ.

ވޯލްޑް ކަޕް ޗެމްޕިއަން، އާޖެންޓީނާ އިން ކޮލިފައިންގައި ދެން ނުކުންނަން ޖެހޭނީ ޕެރޫއާ ދެކޮޅަށެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗަށް އާޖެންޓީނާ ނުކުންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.