13 Oct 2023, 21:43
ބަޔާން މިއުނިކުން ގްރީސްގެ އުމުރުން 35 އަހަރުގެ ޑިފެންޑަރު ސޮކްރާޓިސް ޕަޕަސްޓަރޮޕޫލަސް ހޯދުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޑިފެންސަށް އިތުރު ކުޅުންތެރިން ހޯދުމަށް ބަޔާނުން ކުރާ މަސައްކަތުގެ ދަށުން ކުރިން އާސެނަލާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ސޮކްރާޓިސް ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
މިދިޔަ ސީޒަން ނިމުމާއެކު އޮލިމްޕިއާކޯސް ދޫކޮށްލި ފަހުން ސޮކްރާޓިސް، އެއްވެސް ކްލަބަކާ ގުޅިފައެއް ނުވެއެވެ. އޭނާ އޮލިމްޕިއާކޯސް ދޫކޮށްލާފައިވަނީ ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ކުޅެފައެވެ.
ބަޔާންގެ ޑިފެންސަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އުނދަގުލަކީ އަނިޔާގެ މައްސަލަތަކެވެ. އެ ކްލަބުގެ އަނިޔާގެ ލިސްޓުގައި ހިމެނޭ އެންމެ މުހިންމު ޑިފެންޑަރުންނަކީ ޑަޔޮޓް އުޕަމެކާނޯ އާއި މަތެއުސް ޑި ލިޓް އެވެ.
މީގެ ކުރިން ބަޔާނުން ވަނީ ކުރިން އެ ކްލަބަށް ކުޅުނު ޖެރޯމް ބޯޓެންގް އަނބުރާ ގެނައުމަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ކްލަބުގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކާ ގުޅިގެން އެ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.
ސޮކްރާޓިސްއަކީ އެއްވެސް ކްލަބެއްގެ ކުޅުންތެރިޔަކަށް ނުވުމުން، ޓްރާންސްފާ މުއްދަތުގެ ބޭރުން ވެސް ބަޔާނަށް އޭނާއާއެކު ކޮންޓްރެކްޓަކާ ހިސާބަށް ދެވޭނެއެވެ. އޭނާއަކީ ބަޔާންގެ ކޯޗަކަށް މިހާރު ހުރި ތޯމަސް ޓުޝެލް، ޑޯޓްމަންޑަށް އިރުޝާދުދިން އިރު، އެ ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ.