ދިރާގުގެ 35ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ހަފުލާގައި އެ ކުންފުންޏަށް 35 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި މި ހަފުލާގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަން އިސްމާޢީލް ވަޙީދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑަޝިޕް ޓީމްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފުލާގައި ވަނީ، 1988ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެ އަގު ވަޒަންކޮށް ޚާއްޞަ އެވޯޑެއް ދީފައެވެ.

މިއާއެކު އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް ކަމަށްވާ 'ލީޑިން ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާނީ އޮފް ދަ މޯލްޑިވްސް' ޑިޖިޓަލްކޮށް އިފްތިތާހުކޮށްފައި ވެއެވެ.

މި ފޮތް އިފްތިތާހުކޮށްދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާޢީލް ވަޙީދު އަދި އެމްޑީ އިސްމާޢީލް ރަޝީދެވެ. މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުރި މި ފޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ދައްކައިދީފައިވެއެވެ.

މީގެ އިތުރުން، ކުލަގަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާއެކު އެ ކުންފުނިން ވަނީ އަގުހުރި އިނާމުތަކެއް ހިމެނޭހެން މުވައްޒަފުންގެ މެދުގައި ޚާއްޞަ ލަކީ ޑްރޯއެއް ބާއްވާފައެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.