ފަލަސްތީނުގެ މުސްލިމުންނަށް ކުރިމަތިވެފައިވަ ދަތި ހާލާއި މިހާރު އެގައުމުގައި ހިނގާ ކަންކަމުގެ ވާހަކަތައް ޒުވާން ޖީލުތަކާ ހަމައަށް ގެންގޮސް، އަލް އަޤްޞާ ފަދަ މުގައްދަސް ތަންތަނުގެ ހިމާޔަތުގައި ތެދުވަން ކެރޭ ބަޔަކަށް ޒުވާނުން ހެދުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ފަލަސްތީނާއި އިސްލާމީ އުންމަތް" މި ނަމުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ފަލަސްތީނުގެ ބިމަށް އަތްގަދަ ކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސް ފޮހެލުމަށް ކަމަށެވެ. އަދި އަލް ޤުދުސުގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ، އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތައް މިހާރު ހިންގަމުން ދާކަމަށް ޚުތުބާގައި ބުންޏެވެ.

"މިއަށްވުރެ ވެސް ނުރައްކާތެރި ޖަރީމާއަކީ، ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި، މަސްޖިދުލް އަޤްޞާގެ ދަށުން ކޮންނަމުންދާ ބިންގަރާސްތަކެވެ. މީގެ ހަގީގީ ބޭނުމަކީ، އެ ނަމުގައި، މަސްޖިދުލް އަޤްޞާގެ ދަށުގައި ފައްޅިތަކެއް އެޅުމެވެ،" ޚުތުބާގައި ބުންޏެވެ.

މި ބިންގަރާސްތައް ކޮނުމުގެ އާޚިރު ނަތީޖާއަކަށް ވާނީ، މަސްޖިދުލް އަޤްޞާގެ ބިންގާތައް ބަލިކަށިވުން ކަމަށާއި ކިރިޔާ ވެސް ބިންހެލުމެއްގެ އަސަރު ކޮށްފި ނަމަ މަސްޖިދުލް އަޤްޞާ ބިމާ ހަމަވާނެކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ފަލަސްތީނުގެ މި ވާހަކަތައް ޒުވަން ޖީލުތަކާ ހަމައަށް ގެންގޮސްދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މުގައްދަސް ތަންތަނުގެ ލޯބި އެކުދިންގެ ހިތްތަކުގައި އުފެއްދުމަކީ މައިންބަފައިންނާއި މުދައްރިސުންނާއި ވެރިންގެ ވާޖިބެއްކަމުގައި ދެކުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ، މަސްޖިދުލް އަޤްޞާ އާއި ފަލަސްތީނުގެ މުގައްދަސް ބިންތައް ހިމާޔަތް ކުރުމަށް ރަސޫލާގެ ލޮބުވެތި ސަހާބީން ޖާނާއި މާލުން ގުރުބާންވެ ވަޑައިގެންފައި ވާކަމަށެވެ. އަދި އިސްލާމީ އިލްމުވެރިން އެބޭފުޅުންގެ އަޑުފުޅުތައް އުފުއްލެވި ކަމަށެވެ. މުސްލިމް ކޮމާންޑަރުން، ޞަލީބީންގެ އަތްދަށުން ފަލަސްތީނުގެ މުގައްދަސް ބިން މިނިވަން ކޮށްދެއްވި ކަމަށެވެ.

އެހެންކަމުން މިއީ ﷲގެ ވަހީ ބަސްފުޅުތަކުން އިބުރަތް ލިބިގަނެ ޣާފިލްކަމުގެ ނިދިން ހޭލަންވީ ވަގުތުކަމަށް ޚުތުބާގައި ބުންޏެވެ. އަދި ހާލުގައި ޖެހިފައިވާ، ހުވަފަތް އަންހެނުންނަށާއި، ޅަދަރިންގެ ނުކުޅެދުންތެރިކަމާއި، އެ މީހުންގެ ބޯމަތިން ކެނޑިނޭޅި އުދުހެމުންދާ، ރޮކެޓުތަކުގެ ބިރުވެރިކަން އިހުސާސް ކުރެވޭ ކޮންމެ މުސްލިމަކު އެމީހުންގެ ދިފާޢުގައި ތެދުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މުސްލިމުންނަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެ މީހުންނަށް އެހީތެރި ވުމަކީ މުސްލިމް އުންމަތުގެ ވާޖިބެއްކަން ވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.