13 Oct 2023, 17:00
މި އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ގްރޫޕް ޑީގައި ތުރުކީޔޭ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗް ތުރުކީޔޭ ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ކްރޮއޭޝިއާގައި ކުޅުނު މިމެޗް ތުރުކީޔޭއިން ކާމިޔާބުކޮށްފައިވަނީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކްރޮއޭޝިއާއިންނެވެ. މިމެޗްގައި ތުރުކީޔޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަރިސް އަލްޕާ ޔިލްމާޒްއެެވެ. މިކާމިޔާބީއާއެކު ތުރުކީޔޭއަށް މިހާރުވަނީ 6 މެޗުން 13 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ކްރޮއޭޝިއާ އުޅެނީ 5 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.
މިގްރޫޕްގައި ރޭ ތާވަލްގެ ތިން ވަނައިގާ އުޅޭ އާމީނިއާ އާއި އެންމެ ފުލުގައި އޮތް ލެޓްވިއާ ބައްދަލުކުރިމެޗް ދެ ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައިވަނީ ލެޓްވިއާއެވެ. ލެޓްވިއާގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ލެޓްވިއާއަށް ކާމިޔާބުކޮށްދިނީ ޔާނިސް އިކައުނިއޭކްްސްއެވެ. އާމީނިއާއިން ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗްގައި ދެން ފެނިގެންދިޔައީ މެޗްގެ 52 ވަނަ މިނެޓްގައި ލެޓްވިއާގެ މާސީސް އޫސްއަށް ރަތް ކާޑު ދައްކާ ފޮނުވާލި ތަނެވެ. މިއާއެކު އާމީނިއާގެ ފަރާތުން ލަނޑެއް ފެނިގެންދާނެކަމަށް ހީކުރެވުނު ނަމަވެސް ދެން ފެނިގެންދިޔައީ ލެޓްވިއާއިން އިތުރު ލަނޑެއް ޖަހާ މެޗްގެ ލީޑު ފުޅާކުރި ތަނެވެ. މިލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނިއެލްސް ބަލޯޑިސްއެވެ. މިމެޗްގައި އާމީނިއާއިން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ލެޓްވިއާއިން މިވަނީ މިފަހަރުގެ ކޮލިފައިންގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. އެހެން ކަމުން އެޓީމަށް މިވަނީ ހަ މެޗުން 3 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި އާމީނިއާ އުޅެނީ 7 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.