13 Oct 2023, 15:18
މިއަންނަ އަހަރުގެ ކުރީކޮޅު ކޯޓެޑިއުއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.
ކޯޓެޑިއުއާގެ ވެރިރަށް އަބީޑްޖާންގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައިވަނީ އެފްރިކާގެ ފުޓްބޯޅައިގާ ފާހަގަ ކޮށްލެވޭ އެހާރާއި މިހާރުގެ ތަރިން ބައިވެރިވެފައެވެ. މިގޮތުން މިގުރުނެގުމުގައިވަނީ އެންމެފަހުގެ ޗެމްޕިއަން ސެނެގާލްގެ ކެޕްޓަން ސާޑިއޯ މާނޭ އާއި ފީފާ ރޭންކިންގައި އެފްރިކާ ބައްރުން އެންމެ ކުރީގައި އުޅޭ މޮރޮކޯގެ ތަރި އަޝްރަފް ހަކީމީ އާއި މުބާރާތް ބާއްވާ ޤައުމު ކޯޓެޑިއުއާގައި އުފެދުނުކަމަށް ބެލެވޭ އެންމެ ފާހަގަ ކޮށްލެވޭ އެއް ފޯވަޑް ކަމަށްވާ ޑިޑިއާ ޑްރޮގްބާ އަދި ނައިޖީރިއާގެ ޖޯން އޮބި މިކޭލް ބައިވެރިވެފައެވެ.
މިފަހަރުގެ ގުރުއަތުލުމުގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ލައްވާލީ ކެމެރޫނާއި ގިނީ އަދި ގެމްބިއާ އާއެކު ގްރޫޕް ސީގައެވެ. ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުން މާނޭ ވަނީ މިއީ ވަރަށް އުނދަގޫ ގްރޫޕެއް ކަމުގައި ފާހަގަ ކޮށްފައެވެ. މިގޮތުން ކެމެރޫން އާއި ވާދަކުރާ މެޗް އުނދަގޫ ވާނެކަމަށާއި ނަމަވެސް މަސައްކަތް ކުރާނީ ފުރަތަމަ ބުރު ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަހޯދަން ކަމަށް އޭނާ ހާމަކުރިއެވެ.
އެންމެ ފަހުން ބޭއްވި ފީފާ ވާލްޑް ކަޕްގެ ސެމީފައިނަލުން ޖާގަހޯދި މޮރޮކޯ ހިމެނިފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޒެމްބިއާ އަދި ޓޭންޒޭނިއާ އާއެކު ގްރޫޕް އެފް ގައެވެ. ހަކީމީ ހާމަކުރިގޮތުގައި މޮރޮކޯއިން މަސައްކަތް ކުރާނީ އެންމެ ފަހުން ބޭއްވި ވާލްޑް ކަޕްގައިވެސް ދެއްކި މޮޅު ކުޅުން މިފަހަރުގެ މުބާރާތުގައި ދެއްކޭތޯ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި މޮރޮކޯގައި މިވަގުތު ރަނގަޅު ޓީމެއް އެބައޮތް ކަމަށާއި އެހެންކަމުން މިމުބާރާތް ކާމިޔާބު ކުރުމަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެކަމަށެވެ.
މުބާރާތް ބާއްވާ ޤައުމު ކޯޓެޑިއުއާ ހިމެނިފައިވަނީ ނައިޖީރިއާ، އެކުއެޓޯރިއަލް ގިނީ އަދި ގިނީ ބިސާއު އާއެކު ގްރޫޕް އޭގައެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ވާދަވެރި ވާނެކަމަށް ބެލެވިފައިވަނީ ދެކުނު އެފްރިކާ، ނެމީބިއާ، ޓިއުނީޝިއާ އަދި މާލީ ހިމެނޭ ގްރޫޕް އީއެވެ. ގްރޫޕް ބީގައި މިސްރު، ގާނާ، ކޭޕް ވާޑޭ އަދި މޮޒަމްބީކް ހިމެނޭއިރު ގްރޫޕް ޑީގައި ހިމެނެނީ އަލްޖީރިއާ، ބުރުކީނަ ފާސޯ، މޮރިޓޭނިއާ އަދި އެންގޯލާއެވެ.
މިއަހަރުގެ ޖޫން އަދި ޖުލައި މަހު ކުރިން ބާއްވަން ހަމަޖެހިފައިވި މިމުބާރާތް މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 އިން ފެބްރުއަރީ މަހުގެ 11 އަށް ފަސް ކޮށްފައިވަނީ ވާރޭ ވެހޭ މޫސުމުގައި މުބާރާތް ބާއްވަން ބޭނުން ނުވުމުންނެވެ. ސައުވީސް ޓީމް ހަ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން އެއްވަނަ އާއި ދެވަނައަށްދާ ދެޓީމްގެ އިތުރުން ތިން ވަނައަށްދާ ޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ހަތަރު ޓީމެވެ.