13 Oct 2023, 10:28
ފިލްމެއް ނުވަތަ ޓީވީ ޝޯއެއް ބަލައިގެން އެތައް އިހުސާސެއް ކުރެވެއެވެ. އޭގެތެރެއިން އެންމެ އަސަރުގަދަ އެއް އިހުސާސަކީ ހިތާމައިގެ އިހުސާސެވެ. ބައެއް ފިލްމުތައް ހިތާމަވެރިކަމުން ހަމަގައިމު ވެސް ކޮންމެ މީހަކު ވެސް ވާނީ ކޮންމެވެސް ހިސާބެއްގައި ރޮއްވާލާފައެވެ.
އެއްބައި މީހުންނަކީ ހަމައެކަނި ކޮމެޑީ ފިލްމުތައް ބަލާ މީހުންނެވެ. އަނެއް ބައި މީހުންނަށް ބިރުވެރި ފިލްމު ކަމުދާއިރު ބައެއް މީހުންނަށް ހިތާމަވެރި ފިލްމުތައް ކަމުދެއެވެ.
ބައެއް ފަހަރު ދެރަވާ ކަހަލަ މޫޑެއް އައުމުން ވެސް އެއްބައި މީހުން ހިތާމަވެރި ފިލްމުތައް ބަލައެވެ. މީގެތެރޭގައި ލޯބީގެ ހިތާމަވެރި ފިލްމުތަކާއި ހަގީގީ ހާދިސާތަކަށް ބިނާކޮށް ތައްޔާރުކޮށްފައި ހުންނަ ފިލްމު ހިމެނެއެވެ. މިއިން ފިލްމެއް ބަލައި ދުވަހަކު ވެސް ރޮވިފައި ވާނެ ހެއްޔެވެ؟ އެހެން ނަމަ މިހާތަނަށް އެންމެ ގަދައަށް ރޮއްވާލީ ކޮން ފިލްމެއް ހެއްޔެވެ؟
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ހިތާމަވެރި ފިލްމުތަކެއް ހިމެނެއެވެ. އޭގެތެރެއިން ވެސް ހަނދާނުން ނެތިގެން ނުދާނެ ބައެއް ފިލްމުތައް ހިމެނެއެވެ. މި ފިލްމުތައް ބަލާ އިރު ހަމަ ގައިމުވެސް ރޮވޭނެކަން ގަބޫލުކޮށް އެކަމަށް ރެޑީވެގެން އިންނަން ޖެހޭނެއެވެ. މި ފާހަގަކޮށްލަނީ އެފަދަ ބައެއް ފިލްމުތަކެވެ.
"މިރެކަލް އިން ސެލް ނަމްބާ 7" – ކޮރިއަން
ދެކުނު ކޮރިއާ ސިނަމާގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ހިތާމަވެރި ފިލްމުތައް ހިމެނެއެވެ. ނަމަވެސް 2013 ގައި ނެރުނު މި ފިލްމަކީ އެ ހުރިހާ ފިލްމުތަކުގެ އެންމެ ކުރިއަށް އެރުން އެކަށީގެންވާ ފިލްމެކެވެ. ހަގީގީ ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ހާއްސަ އެހީއަށް ބޭނުންވާ ބައްޕައަކާ ދެކޮޅަށް، ޖިންސީ ގޯނާގެ ދޮގު ތުހުމަތުކޮށް އޭނާއަށް މަރުގެ ހުކުމް ކުރާ ހިސާބުން ކަންތައް ވެގެންދާ ގޮތް ދައްކައިދޭ ފިލްމެކެވެ.
ހަގީގަތާ ހިލާފަށް ބައްޕައަކާ ދެކޮޅަށް މިފަދަ ކުށެއް ސާބިތު ކުރަނީ ކޮރަޕްޝަންގެ ތެރެއިންނެވެ. އޭނާއަށް މަރުގެ ހުކުމް އިއްވުމުގެ ކުރީން އޭނާގެ އަމިއްލަ ދަރިފުޅާ ބައްދަލުކޮށް ގުޅުން ބަދަހިވާ ގޮތް ފިލްމުން ދައްކައެވެ. މި ފިލްމުގައި ދެމީހުން ފަހު އަލްވަދާއު ކިޔާ ސީން އަކީ ހަމަ ގައިމު ވެސް އެންމެން ރޮއްވާލާނެ ސީނެކެވެ.
"މަސާން" – ހިންދީ
ނީރަޖު ގައިވާން 2015 ގައި އުފެއްދި ފިލްމު މަސާން އަކީ މުޖުތަމައުގެ އެކި ކަހަލަ މައްސަލަތަކަށް އަލި އަޅުވާލާ ފިލްމެކެވެ. އިންޑިއާގެ ކާސްޓް ސިސްޓަމާއި އެ ސިސްޓަމުގެ ތެރޭގައި އާންމު ދިރިއުޅުމެއް ދިރިއުޅެމުން އަންނަ ދޭވީ އާއި ދީޕަކްގެ ވާހަކަ މި ފިލްމުން ކިޔައިދެއެވެ. ދޭވީއަށް ފުލުހެއްގެ ފަރާތުން ލިބޭ އެކި ކަހަލަ ބިރު ދެއްކުމާއި ގޯނާ ތަކުން ސަލާމަތްވާން އުޅޭއިރު ނިކަމެތި މީހުންނަށް ސިސްޓަމުގެ ތެރޭގައި އަބަދު އަނިޔާ ލިބޭ އެކި ކަންކަން ފެނިގެން ދެއެވެ.
މި ފިލްމު ނިމޭއިރު ދެ ލީޑު ފުރަތަމަ ފަހަރަށް ބައްދަލުވަނީ އާ ދިރިއުޅުމެއްގެ ފެށުމަކަށެވެ. އޭގެ ކުރީން ދެމީހުންގެ ހިތި ދިރިއުޅުން ފިލްމުން ފެނެއެވެ.
މި ދެ ފިލްމުގެ އިތުރުން ވެސް ފާހަގަކޮށްލެވޭ ބައެއް ތަފާތު ފިިލްމުތައް ހިމެނެއެވެ. އޭގެތެރޭގައި
"އައި ސޯ ދަ ޑެވިލް" – ކޮރިއަން
"ރޯމާ" – މެކްސިކަން
"މާޓާސް" – ފްރެންޗް
"ފޮރެސްޓް ގަމްޕް" – އިނގިރޭސި
"މީ ބިފޯ ޔޫ" – އިނގިރޭސި