13 Oct 2023, 10:37
ފާހާނައަށް ދާއިރު ގެންގުޅޭ ފޯނުގަނޑު ހިފައިގެން ދިޔުމަކީ ގިނަ ބައެއްގެ އާދައެކެވެ. ފާހާނައިގައި ތިބޭ އިރު ފޯނު ބޭނުންނުކޮށް އެއްބައި މީހުންނަށް ހަމަ އެއްގޮތަކަށް ވެސް ކަމު ނުދަނީ އެވެ. ނަމަވެސް މީގެ ސަބަބުން މީހާއަށް އެކިކަހަލަ ގެއްލުން ވެދާނެ ކަން އެނގޭ ހެއްޔެވެ؟
މިކަމަށް ހާއްސަކޮށް މިހާރު ވަނީ ނަމެއް ވެސް ދެވިފައެވެ. "ޓޮއިލެޓް ސްކްރޯލިން" މިއީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ޚަބަރު ކިޔާލަން ވިޔަސް ނުވަތަ ފޭސްބުކް ބަލާލަން ވިޔަސް އަދި ޓިކްޓޮކް ބަލާލަން ވިޔަސް މިއީ މިހާރު ފާހާނައިގައި ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ.
މިއީ ނުކުރާ ކަމަށް މީހުން ބުނި ނަމަވެސް ވަރަށް ގިނަ މީހުން އާންމުކޮށް މިހާރު ކުރާ ކަމެކެވެ. ފާހާނައިގައި އިންނަ ވަގުތު ވެސް ފޫހި ފިލުވުމަށް ވަރަށް ގިނަ ބަޔަކު ފޯނު ބޭނުން ކޮށްލާނެއެވެ. މިއީ ފާހާނާގައި ހޭދަކުރާ ވަގުތު އިތުރު ވާ ކަމެކެވެ.
ސެން ފްރެންސިސްކޯގެ ގެސްޓްރޯއެންޓީރިއޯލޮޖިސްޓެއް ކަމަށްވާ ޑރ. ސޯރަބް ސޭތީ ވިދާޅުވީ ފާހާނާ ކުރާއިރު މާ ގިނައިރު މަޑުކޮށްގެން އިނުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާ ކަމެއް ކަމަށެވެ. އެގޮތުން މާ ގިނައިރު ފާހަނަ ތަށިމަތީގައި އިންނަ ނަމަ އޭގެ ސަބަބުން ހެމަރޮއިޑްސް ފަދަ ކަންތަކަށް މަގުފަހިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
އިތުރު ހާލަތްތަކުގައި ފިޝާސް އަދި ޕައިލްސް ފަދަ މައްސަލަތަކަށް ވެސް މަގުފަހި ވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާ ހިސާބުން އަދި މިކަމުގެ ނުރައްކާ ނިމުނީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އެގޮތުން ފާހާނައިގައި އިންނަ އިރު ފޯނު ބޭނުންކުރުމުން އެކި ކަހަލަ ޖަރާސީމު ފޯނަށާއި ހަށިގަނޑަށް ވާސިލުވުން އެކަށީގެންވެއެވެ.
އާންމުގޮތެއްގައި މީހާ ގެންގުޅޭ ފޯނަކީ ފާހާނަ ތައްޓަށްވުރެ ވެސް ގިނައިން ބެކްޓީރިއާ ހުންނަ އެއްޗެކެވެ. ފޯނާ ކުޅެފައި އަތް ނުދޮވެ ހަމުގައި ޖެހުމުން އޭގެ ސަބަބުން ބެކްޓީރިއާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޑރ. ސޭތީ ވިދާޅުވިއެވެ. އެހެންވީމާ ފާހާނައަށް ދާއިރު ފޯނު ގެންދެވޭކަށް ނެތެވެ.