"ސްޓޭންޑް ބައި ކްރެޑިޓް ފެސިލިޓީ"ގެ ގޮތުގައި އިންޑިޔާ އިން އަނެއްކާ ވެސް ރާއްޖެ އަށް 25 މިލިޔަން ޑޮލަރުގެ ދަރަނި ދިނުމަށް އެއްބަސްވެއްޖެ އެވެ.

އިންޑިޔާގެ ދަ ބިޒްނަސް ސްޓޭންޑަޑް ނޫހުން މިއަދު ބުނީ އެގައުމުން ރާއްޖެ އަށް އިތުރު 25 މިލިޔަން ޑޮލަރުގެ ދަރަނި ދިނުމަށާއި ތަރައްގީ ވުމަށް ރާއްޖެ އިން ކުރާ މަސައްކަތްތަކަށް އިގުތިސާދީ އަދި ފަންނީ އެހީތެރިކަން ދިނުމަށް ވަނީ އެއްބަސްވެފައި ކަމަށެވެ.

އެ ނޫހުން ބުނީ ކްރެޑިޓް ފެސިލިޓީގެ ދަށުން، މިދިޔަ ފެބްރުއަރީ މަހު 50 މިލިޔަން ޑޮލަރު އިންޑިޔާ އިން ވަނީ ރާއްޖެ އަށް ދޫކޮށްފައި ކަމަށެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެއް އަހަރު ތެރޭގައި ދިވެހިސަރުކާރުގެ 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބޮންޑް ވިއްކައި ދިނުމަށް އިންޑިޔާ އިން ވަނީ އެއްބަސްވެފަ އެވެ. އެކަމަށް ޓަކައި މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެނޫހުގައިވެ އެވެ.

އިންޑިޔާ އިން ރާއްޖެ އަށް 100 މިލިޔަން ޑޮލަރުގެ ސްޓޭންޑްބައި ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރައީސް ވަހީދު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިން ބޭއްވި ބައްދަލުވުންތަކުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ކުރާ މަސައްކަތް ތަކުރާރުކޮށްފަ އެވެ.

ރައީސް ވަހީދުއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ޑރ.މަންމޯހަން ސިންގް ވިދާޅުވެފައި ވަނީ ރާއްޖޭގައި ސުލްހަ އާއި ހަމަޖެހުން އޮތުމަކީ އިންޑިޔާ އަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް އެހީތެރިވެދީ ރާއްޖޭގައި ސުލްހަ އާއި ހަމަޖެހުން ގާއިމް ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ސިންގް ވިދާޅުވެފައިވެ އެވެ.