13 Oct 2023, 10:13
ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރަކީ ސިޔާސީ ދާއިރާގައި އަމިއްލަ ޚިޔާލު ހުށަހަޅާ މީހެއް ނަމަވެސް އަންހެނުން ޓުވިންކަލް އާއެކު ސިޔާސީ ވާހަކަތަކަށް މަޝްވަރާ ކުރުމަކީ ކުރަން ބޭނުން ނުވާ ކަމެއް ކަމަށް ބުނެފިއެވެ.
އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބައެއް ކަންކަމުގައި އަންހެނުން ޓުވިންކަލް ދެކޭ ގޮތް މާ ބޮޑަށް ވެސް ތަފާތު ވުން ކަމަށް އަކްޝޭ ބުންޏެވެ. އެހެންވެ އަބަދުވެސް މަސައްކަތް ކުރަނީ ސިޔާސީ މަޝްވަރާތައް ގެއަށް ނުގެންގޮސް އެ މައުޟޫއު ބަދަލުކޮށްލެވޭތޯ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
ފިލްމު "އޯ މައި ގޯޑު2"ގެ އެކްޓަރު އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއު އެއްގައި ބުނީ، ދެ މީހަކު ޚިޔާލު ތަފާތުވާ ކަމެއްގެ ވާހަކަ ފެންމަތި ނުކުރުމަކީ އެންމެ ބުއްދިވެރި ނިންމުން ކަމަށެވެ. މި އިންޓަވިއުގައި އަކްޝޭ ވަނީ ދުޅަހެޔޮ ކައިވެންޏަކަށް އެދޭނަމަ މާޒީގެ ސޮފުހާތަކުގެ ހިރަފުސް ފޮޅަން ދެ ފަރާތުންވެސް މަސައްކަތް ނުކުރުމަށް ބުނެފައެވެ. އެފަދަ ޢަމަލުތަކުން ހެޔޮ ނަތީޖާ އެއް ނުނުކުންނާނެ ކަމަށާއި މާޒީގެ ސޮފުހާތައް އަލުން ނުހުޅުވުމަކީ އެންމެ ބުއްދިވެރި ނިންމުން ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
އަކްޝޭ އެކޭ އެއްގޮތަށް ކުރީގެ ބަތަލާ ޓުވިންކަލްގެ ޚިޔާލު ވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. ޓުވިންކަލްގެ އަމިއްލަ ބްލޮގްގައި ބުނެފައި ވަނީ ކުރިމަތިވާ ޚިޔާލު ތަފާތުވުން ތަކަށް ސަމާލުކަން ދޭ ނަމަ މިހާރު ދިރިއުޅޭނީ އަކްޝޭ އާ ވަކިން ކަމަށެވެ. އެހާ ވެސް އަކްޝޭ އާ ދެ މީހުންގެ ޚިޔާލު ސިޔާސީ ކަންކަމުގައި ތަފާތު ކަމަށް ލިޔުންތެރިޔާ ޓުވިންކަލް ވަނީ ބުނެފައެވެ.
އަކްޝޭއާއި ޓުވިންކަލް ކައިވެނި ކޮށްފައިވަނީ 2001ވަނަ އަހަރުއެވެ. ކައިވެނީގެ ކުރިން ޓުވިންކަލް އާއި އަކްޝޭ އެކުގައި ބައެއް ފިލްމުތަކުން ފެނުނު ނަމަވެސް ކައިވެންޏަށް ފަހު ކުރީގެ ބަތަލާ ވަނީ ފިލްމީ ދާއިރާއިން ދުރު ވެފައެވެ.