ނިއުދިއްލީން ހުސައިން ހަސަން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމާ އެކު، އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން ޑިމާންޑު ކުރަމުންދާ އަވަސް އިންތިހާބު ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މިއަދު މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއުދިއްލީގައި ތިން ދުވަހު މަޑުކުރެއްވުމަށް ފަހު މުންބާއީ އަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ތާޖު ޕެލަސް ހޮޓެލުގައި ބޭރުގެ މީޑިއާއަށް މައުލޫމާތު ދެއްވަނުން ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވެން އޮތީ ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުން "އެކައްޗެއް" ކިޔައިގެން ކަމަށެވެ. އެ ޕާޓީތަކުން އަވަސް އިންތިހާބަކަށް އެއްބަސް ނުވަނީ އިންތިހާބަކަށް އެ ޕާޓީތައް ތައްޔާރުވެފައި ނުވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެކުލަވާލައިފައިވާ މަގުޗާޓުގައިވާ ގޮތުން އަވަސް އިންތިހާބެއް ބޭއްވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރެވެން ވެސް އޮތީ ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ނަމަވެސް އެ ޕާޓީތަކުން އަވަސް އިންތިހާބެއް ބޭނުން ނުވާއިރު، ގާނޫނު އަސާސީ އިސްލާހު ކުރަން ވެސް އެ ޕާޓީތަކުން އެއްބަސް ނުވާނެ ކަމަށެވެ.

ރައްޖޭގެ މިހާރުގެ ސިޔާސީ މާހަލު ބައްޓަން ކުރަންތިބި ޕާޓީތަކުން ބޭނުން ނުވާ ކަމެއް ކުރަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންތިހާބެއް ބޭއްވުމަކީ ވާނެ ކަމެއް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

މިއަދު ހެނދުނު އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ތަގުރީރު ކުރެއްވުމަށް ފަހު ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މާދަމާވެސް އިންތިހާބެއް ބާއްވަން ބޭނުންނަމަ އޮތީ އެންމެ ގޮތް ކަމަށެވެ. އެއީ ރައީސުލްޖުމްޙުރިއްޔާގެ މަގާމުން އިސްތިއުފާދެއްވައި ރައީސްކަން ވަގުތީ ގޮތުން މަޖިލީހުގެ ރައީސްއާ ހަވާލު ކުރެއްވުމެވެ.

ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަބަބެއް ކަަމަށް ރައީސް ވިދާޅުވީ މިދަނޑިވަޅުގައި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް ރައީސުލްޖުމްޙުރިއްޔާގެ ހައިސިއްޔަތުން ކުރެވެން އޮތް ހުރިހައި ކަމެއް ކުރާނެ ކަމަށެވެ. ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓުގެ ދަށުން ގައުމީ އެއްބައިވަންތަ ސަރުކާރެއް ގާއިމްކޮށް އެމްޑީޕީ ފިޔަވައި، ދެންތިބި ޕާޓީތަކުން ތިން ވަޒީރުން ކެބިނެޓްގައި ޝާމިލުކޮށްފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ކުރީ ރައީސް ނަޝީދާއި އޭރުގެ ނައިބު ރައީސް ވަހީދުގެ ވެރިކަމުގެ ދައުރު ހަމަވާނީ އަންނަ އަހަރު ކަމަށް ވެފައި ދެން ރިޔާސީ ރިޔާސީ އިންތިހާބެއް އޮންނާނީ 2013ގައި ކަމަށް ވިދާޅުވި އެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރުމަށް ހުރިހާ ޕާޓީތަކުން ވެސް ތައްޔާރުވާނެ ކަމަށާއި ރައީސް ނަޝީދު އެ ކެންޕެއިންތައް ފައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަކީ ވަރަށް އުފެއްދުންތެރި ދަތުރުފުޅެއް ކަމަށެވެ. ރާއްޖެ އަށް ފައިދާވާނެ ގޮތްތައް މަގުފަހިވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ނިއުދިއްލީ އިން މުންބާއީއަށް ފުރައިވަޑައިގެންނެވީ މިއަދު ހަވީރު އެވެ. އެމަނިކުފާނު މޮންބާއީ އަށް ވަޑައިގެންނެވީ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ ގޮތުން ވިޔަފާރިވެރިންނާ މަޝްވަރާކޮށްލުމަށެވެ.

ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ.