09 Aug 2010, 10:20
15:23
އެސްއެމްއެސް އާއި އޮންލައިން މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން ދިރާގާއި ވަތަނިއްޔާ އަދި ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ ޚިދުމަތްތަކުގެ ތަފްސީލު އެ ކުންފުނިތަކުން ވަނީ އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އާއްމުކޮށްފައި އެވެ.
އެގޮތުން ދިރާގާއި ވަތަނިއްޔާގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ފޮނުވައިގެން ފިތުރު ޒަކާތް ދެއްކޭގޮތަށް ހަމަޖައްސާފައިވާއިރު، ބީއެމްއެލްގެ އޮންލައިން ބޭންކިން ޚިދުމަތް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ޚިދުމަތްތައް މެދުވެރިކޮށް، އާދައިގެ ހަނޑުލާއި ހުދު ހަނޑުލުގެ އިތުރުން މޮޅު ހަނޑުލުގެ އަގަށްވާ ފައިސާ ވަކިވަކިން ދެއްކޭނެ ކަމަށް ކުންފުނިތަކުން ބުނެވެ.
ރަމަޟާން މަހުގެ 2 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ޚިދުމަތްތައް ބޭނުންކޮށްގެން ފިތުރު ޒަކާތު ފައިސާ ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މި ފައިސާ ބެހުމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ހަމައެކަނި މާލޭގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންގެ މެދުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން "ސްޓާ ވަން ޓޫ ތްރީ ހޭޝް" މޭނޫ އިން 8 ވަނަ އޮޕްޝަން ނަގައި، ބޭނުންވާ ހަނޑުލުގެ ބާވަތަކަށްވާ ފައިސާގެ އޮޕްޝަން ސިލެކެޓް ކުރުމަށް ފަހު އެސްއެމްއެސް ފޮނުވާލުމުން، ފައިސާ ޖަމާވާނެ ކަމަށް ދިރާގުން ބުނެވެ. އަދި ކޮންމެ ބޮލަކަށްވާ ފައިސާ ދެއްކުމަށް ޖެހޭނީ ވަކިވަކިން އެސްއެމްއެސް ފޮނުވަން ކަމަށާއި ކޮންމެ އެސްއެމްއެސަކަށް ޗާޖްކުރާނީ އެއް ރުފިޔާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ވަތަނިއްޔާގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން މޮޅު ހަނޑުލުމުގެ އަގުން ފައިސާ ދައްކާނަމަ އެސްއެމްއެސް ކުރަންޖެހޭނީ "ޖީއޯ" ޖެހުމަށް ފަހު 4787 ށް ކަމަށާއި އާދައިގެ ހަނޑުލުން ދައްކާނަމަ، "ޖީއޯ" ޖެހުމަށް ފަހު 4789 ށް އަދި ހުދު ހަނޑުލުގެ އަގުން ނަމަ އެސްއެމްއެސް ފޮނުވާނީ ހަމަ އެ ކީވޯޑް ޖެހުމަށްފަހު 4788 ށް ކަމަށް ވަތަނިއްޔާއިން ބުންޏެވެ. އަދި ކޮންމެ އެސްއެމްއެސް އަކަށްވެސް ޗާޖްކުރާނީ އެއް ރުފިޔާކަމަށް ވަތަނިއްޔާއިން ބުނެފައިވެ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި އޮންލައިންކޮށް ޒަކާތު ފައިސާ ދެއްކޭނީ ޑެބިޓް ކާޑު މެދުވެރިކޮށް އެކަނި. ޒަކާތު ފައިސާގެ އިތުރުން ސަދަގާތު ފައިސާވެސް ދެއްކޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި މި ޚިދުމަތަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.