ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އާއި އުރުގުއާއީ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ، ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓު އާކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކަމަވިންގާ ވަނީ 2028ގެ ނިޔަލަށް ރެއާލްގައި މަޑުކުރުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައެވެ. އެ ކޮންޓްރެކްޓުގެ ދަށުން އެހެން ކްލަބަކުން އޭނާ ހޯދުމަށް އެއް ބިލިއަން ޔޫރޯ ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 20 އަހަރުގެ ކަމަވިންގާއަކީ ކޯޗު ކާލޯ އެންޗެލޮޓީގެ ރޭވުންތަކުގައި ވަރަށް ބޮޑަށް ހިމެނޭ ކުޅުންތެރިއެކެވެ. ފުލް ބެކެއްގެ ގޮތުގައި ވެސް އެންޗެލޮޓީ ބޭނުން ކުރާ ކަމަވިންގާ ވަނީ މި ސީޒަނުގައި މިހާތަނަށް 11 މެޗެއް ކުޅެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކަމަވިންގާއާ އެކު މިޑްފީލްޑްގައި ހިމެނޭ ވަލްވާޑޭ ވެސް އާ ކޮންޓްރެކްޓުގައި ސޮއިކުރީ 2028ގެ ނިޔަލަށް ރެއާލްގައި މަޑުކުރާ ގޮތަށެވެ. އޭނާގެ ރިލީސް ފީ ވެސް އެއް ބިލިއަން ޔޫރޯއަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަމަވިންގާއެކޭ އެއްގޮތަށް ވަލްވާޑޭ ވެސް ވަނީ މި ސީޒަނުގައި ރެއާލަށް 11 މެޗު ކުޅެފައެވެ. އޭނާ ވަނީ ގޯލެއް ޖަހައި، ތިން އެސިސްޓު ވެސް ހަދައިފައެވެ.