ދިވެހީންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި ހާމަކުރުމަށްޓަކާ "ދިވެހީންގެ ބޮޑު އެއްވުން،" މި ނަމުގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިސްރާ އެއޯސިއޭޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިންގެ ދަށުން ބާއްވާ މި އެއްވުން ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗުގައެވެ.

މި އެއްވުން ބާއްވަނީ ގިނަ މަދަނީ ޖަމިއްޔާތަކެއްގެ އެހީތެރިކަމާ ވެސް އެކުގައެވެ. އެގޮތުން މަހަލްދީބް ފައުންޑޭޝަން، ޖަމިއްޔަތުލް އަޚަވާތް، މޯލްޑިވްސް ތުރުކިޔޭ ފައުންޑޭޝަން، މާސީ، ހެޔޮ ބިންގާ ފަދަ ޖަމިއްޔާތައް ހިމެނެއެވެ.

މި އެއްވުމާ ގުޅިގެން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ މިއަދު ވިދާޅުވީ، މި ވަގުތަކީ މީ އިސްލާމީ އުންމަތެއްގެ ގޮތުގައި ތެދުވަންވީ ވަގުތު ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެންމެހާ ޖަމިއްޔާތަކާ، ސިޔާސީ ޕާޓީތަކާ، ކުދިބޮޑު އެންމެހާ މީހުން މި އެއްވުމުގައި ބައިވެރި ވުމަށް އޭނާ ވަނީ ގޮވާލައިފައެވެ.

މާދަމާގެ އެއްވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

"އާޓިޕިޝަލް ބީޗަށް އެންމެ ބޭފުޅުން ވެސް ވަޑައިގަންނަވަނީ ހަތަރެއް ޖަހާއިރަށް. ވަޑައިގަންނަވާއިރު އެންމެ ބޭފުޅުން ވެސް ފަލަސްތީނުގެ ދިދައިގައި ހިމެނޭ ކުލަތަށް، ފެއްސާ، ރަތާ، ހުދާ އަދި ކަޅު ތުރުކުރެއްވި ދާނެ. އަދި ދިދައެއް އޮތިއްތާ ދިދައެއް ހިފައިގެން ވަޑައިގެންނެވި ދާނެ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފަލަސްތީނު ރަމްޒުކޮށްދޭ ކޮންމެވެސް އެއްޗެއް ގެންގޮސް ޝުއޫރު ފާޅުކުރުމަށް އައިއޭސީން ވަނީ ގޮވާލާފައެވެ.

މާދަމާގެ އެއްވުމާ ގުޅިގެން ވާހަކަ ދައްކަވަމުން އިސްރާ އެސޯސިއޭޝަނުން ބުނީ، އެއްވުމަށް ވީހާ ވެސް ގިނަ އަންހެން ކަނބަލުން ވަޑައިގަތުމަށް އެދޭ ކަމަށެވެ. އަދި، ވަޑައިގަންނަވާއިރު، ދަރިން ވެސް ގޮވައިގެން ވަޑައިގަތުމަށް އެދުނެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށިފަހުން އައިއޭސީން ވަނީ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި، ފަލަސްތީނުގެ ރައްޔިތުންނަށް ފުޑް ޕެކޭޖު ބެހުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.