12 Oct 2023, 20:06
"ރައްޔިތުން ވެރިކަން ހަވާލުކުރީ ކުރިއަށް އޮތް ފަސް އަހަރަށް ޑރ. [މުހައްމަދު] މުއިއްޒަށް. ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރީ،"
މިއަދު އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމުގައި ހުންނެވި، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވިއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެހެންނެވެ.
ޔާމީނާއި މުއިއްޒާ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ކުރި ސުވާލަށް އަދުރޭ ދިން ޖަވާބުގެ ސިޔާސީ ތަރުޖަމާ ޕީޕީއެމްގެ އިސް ބޭފުޅުން ކުރައްވަނީ ވަރަށް އެހެން ޒާތަކަށެވެ. އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ސީދާ ޔާމީނަށް އަމާޒު ކުރެވިގެން ފޮނުވައިލި ސިޔާސީ ހަމަލާއެކެވެ. ހާއްސަކޮށް، ޕީއެންސީ އެކަނި ނަން ކުރައްވައި، މުއިއްޒުގެ ނަންފުޅު ގެންނެވީމާ، އެއީ ސިޔާސީ ގޮތުން އަމާޒުކުރި ބަހެއްގެ ގޮތުގައި އެ ބޭފުޅުން ގަބޫލުކުރެއެވެ.
ދެން ވިދާޅުވީ، 2028 ގައި މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވަން ނުކުންނަވާނެ ވާހަކައެވެ. އެއީ، ހަމަ ގައިމު ވެސް ޔާމީން ހިތްޕުޅާ ވެދާނެ ކަމެއް ކަމަކަށް ޕީޕީއެމްގެ ބޭފުޅުން ނުދެކެއެވެ.
އަދުރޭ ވިދާޅުވީ ކީކޭ؟
ސިލްސިލާކޮށް އިންތިޚާބީ ރައީސްގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ މިއަދު ބައިވެރިވެވަޑައިގަތީ އަލަށެވެ. އެހެންވެ، ނޫސްވެރިންގެ ތަފާތު ސުވާލުތަކެއް އޭނާއާ އަމާޒުވިއެވެ. އެންމެ ބޮޑަށް ދެކެވުނީ އިންތިޚާބީ ރައީސާއި ކުރީގެ ރައީސް ޔާމީނާ ދެ ބޭފުޅުންގެ ގުޅުމާ މެދުގައެވެ.
އެގޮތުން، ޕީޕީއެމްގެ ރައީސްކަން ކުރައްވައި ޔާމީން، އެ މަނިކުފާނު ބޭނުންފުޅުވާ މީހުންގެ ލިސްޓެއް އެކުލަވައިލައްވާފައި ކެބިނެޓަށް ވައްދަން އެދި ލިސްޓެއް ފޮނުއްވިތޯއާއި އެ ލިސްޓަށް ޕީއެންސީގެ ރައީސްކަމާ މި ފަހުން ހަވާލުވެލެއްވި އިންތިޚާބީ ރައީސް މުއިއްޒު ދެކޮޅު ހެއްދެވީތޯ ނޫސްވެރިއަކު ސުވާލު ކުރިއެވެ. ފެށުމުގައި އެވާ އިބާރާތް އަދުރޭ ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
"ކެބިނެޓު އެކުލަވައިލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާނީ. ދެން އެއަކަށް ނުޖެހޭނެ އިތުރު ބޭބޭފުޅުން، އަޅުގަނޑު ވިޔަސް، އެހެން ބޭފުޅަކު ވިޔަސް، ލިސްޓު ހަދާފައި ފޮނުވާކަށް. އެއީކީ އެކަން އޮންނަ ގޮތެއް ނޫންކަން ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
ޔާމީން، އެ މަނިކުފާނު ބޭނުންފުޅުވާ ވަކި ބޭބޭފުޅުންތަކެއް ސަރުކާރުގައި ހިމެނެއްވުމަށް އެދި މުއިއްޒުގެ ކިބައިން އެދިލެއްވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، ރައްޔިތުން ވެރިކަން ހަވާލު ކުރީ ކުރިއަށް އޮތް ފަސް އަހަރަށް ޑރ. މުއިއްޒަށް. ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކުރީ. އެހެންވީމާ، އެ މަނިކުފާނު ރައްޔިތުން ކުރިމައްޗަށް ވަޑައިގަތީ. އެ މަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގަތީ. އެހެންވީމާ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި އެ މަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައި އެ މަނިކުފާނަށް މަސައްކަތް ކުރެއްވޭނީ. ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓު ވާންވާނީ ރައީސުލްޖުމްހޫރިއްޔާއަށް 100 ޕަސެންޓު އިތުބާރު އޮތް ކެބިނެޓަކަށް،" އޭނާ ވިދާޅުވިއެވެ.
"އިންތިޚާބީ ރައީސް ކެބިނެޓު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ. ދެން ގެންދެވުމުގައި މަޝްވަރާ ކުރައްވަން ޖެހޭ ބަޔަކާ މަޝްވަރާ ކުރައްވާނެ،"
ހުވާ ނުކުރައްވަނީސް ފެއްޓެވީ ދެވަނަ ދައުރުގެ ކެމްޕޭން
މުއިއްޒު ހުވާ ކުރައްވަން 36 ދުވަސް ބާކީ އޮއްވައި މިއަދު އަދުރޭ ފެއްޓެވީ ދެވަނަ ދައުރެއްގެ ކެމްޕޭނެވެ. އެހެން ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މި ފަހަރު އޭނާ ވިދާޅުވީ، "މި އަންނަނީ އިރާދަ ކުރެއްވިއްޔާ 10 އަހަރުގެ ވެރިކަމެއް ކުރަން،" ކަމަށެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ސަލާމް ކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެންނެއް ނުތިބޭނަން މި ފަސް އަހަރު ނިންމާފައި، ދެން އަންނަ ފަސް އަހަރަކަށް ކުރިމަތިލައިގެން ނުކުމެ ތިމަންނަ ފުރަތަމަ ފަސް އަހަރަށް ވީ ވައުދުތައް ފުއްދަން އަދި އިތުރު ފަސް އަހަރު ދޭށޭ ބުނާކަށް ނުތިބޭނަށް އިތާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވިއެވެ.
"ފަސް އަހަރު ފަހުން އަނެއްކާ ވެސް ޑރ. މުއިއްޒު ގޮވައިގެން. އަޅުގަނޑު އިރާދަކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ޑރ. މުއިއްޒާ އެކީގައި. މި ފަސް އަހަރު ނިންމާފައި އަނެއްކާ ދެން އަންނަ ފަސް އަހަރަކަށް ޑރ. މުއިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕޭނަށް ދާނީ ވީ ވައުދުތައް ފުއްދާފައި،"
ޕީޕީއެމް/ޕީއެންސީން ނިންމީ ޔާމީން އިންތިޚާބަށް ނެރޭށެވެ. އެކަމަކު، އެ މަނިކުފާނަށް ދަށު ކޯޓުން އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން، އިންތިޚާބަށް ނުނުކުންނެވޭނެކަން އެ ބޭފުޅުން ވަރަށް ސާފެވެ. އެހެންވެ، ޕީއެންސީން އޮތީ އެ ހާލަތެއްގައި ވާދަކުރަން ޕްރައިމަރީއަކުން މުއިއްޒަށް ޓިކެޓު އަރުވައިފައެވެ.
ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ އޭގެ ފަހުންނެވެ. މުއިއްޒާ ދެ ބޭފުޅުން ސިޔާސީ ގޮތުން ފުރަތަމަ ކުރެއްވީ އެ ހަނގުރާމައެވެ.
ސުޕްރީމް ކޯޓުން ނާކާމިޔާބުވުމުން ޔާމީން ދެން ބޭނުންފުޅުވީ އިންތިޚާބު ބޮއިކޮޓު ކުރާށެވެ. އެކަމަކު، ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓު ސެނެޓުން ނިންމީ ޔާމީން އެދިލެއްވި ނަމަވެސް އިންތިޚާބުގައި ވާދަކުރާށެވެ. އެ ހިސާބުން ޔާމީނަށް ވަފާތެރި ބޭފުޅުން ވަނީ މުއިއްޒަކީ "ވޯސްޓް ކޭސް،" ކަމަށް ވިދާޅުވެ، ޕީޕީއެމުން ކެންޑިޑޭޓެއް ނެރެން މަސައްކަތް ކޮށްފައެވެ.

މުއިއްޒުގެ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ
އެކަމަކު، އެކަން ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން، ޔާމީންގެ ނުގަބޫލުގައި މުއިއްޒު އިންނެވީ ކެންޑިޑެސީ ހިއްޕަވައިގެން އަދުރޭއާ އެކު އިލެކްޝަންސް ކޮމިޝަންގައެވެ. މުއިއްޒަށް ތާއީދުކުރަން ޔާމީން ނިންމެވިކަން ފޯން ކޯލަކުން އެ ވަގުތު އެ ތަނުގައި ހުންނެވި އަދުރޭއަށް އެނގުނީ ފޯމު ހުށަހަޅަން ދަރުބާރުގޭގައި ތިއްބައެވެ.
ސިޔާސީ ތަރުޖަމާ
ޔާމީންގެ އެދިލެއްވުމުގެ ވާހަކައިން އަދުރޭ ވިދާޅުވީ، އެއީ މުއިއްޒު ނޫން އެހެން އެއްވެސް ބޭފުޅަކާ ބެހޭ ކަމެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ، ޔާމީނާއި މުއިއްޒާ ދެ ބޭފުޅުންގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންވެ، ދެ ޕާޓީގެ ދެމެދުގައި ނުރުހުން ވުމެއް އެބައޮތް ކަމަށާއި ކެބިނެޓު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ޕާޓީގެ ދެމެދުގައި އުފެދިފައި އޮތް ހިޔާލު ތަފާތުވުންތަކާ ވެސް އެކުގައި ކަމަށެވެ.
ޕީޕީއެމްގެ ބޭފުޅުން ދެކެނީ މުއިއްޒަކީ ޔާމީންގެ ބަދަލުގައި ދަނޑަށް ނުކުންނެވި ކުޅުންތެރިއެއް ކަމަށެވެ. ޔާމީން މިނިވަންވުމުން، ދެން އެންމެ އިސް ބަސް، ފަހު ބަސް ވިދާޅުވާން ވާނީ ޔާމީން ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅުން ދެކެއެވެ. އެހެންވެ، ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަދުރޭ މިއަދު ދެއްވީ އެ ހުރިހާ ކަމެއްގައި ޔާމީނަށް މެސެޖެއް ކަމަށް އެ ބޭފުޅުން ދެކެއެވެ.
"ޔާމީން ވެސް ޖަލުގައި އޮންނަވައިގެން ވެސް ހަމަ ބޭނުންފުޅުވީ ވާދަކުރަން ދެއްތޯ. ދެން އަމުދުން، ޕީއެންސީގެ ވެރިކަމެކޭ ވިދާޅުވެފައި، ވިދިގެން އަނެއްކާ ދެވަނަ ދައުރެއްގެ ވާހަކަ ގެނައިމާ އެއީ ސީދާ ރައީސް ޔާމީނާއި ޕީޕީއެމަށް ދިން އެޓޭކެއް،" ޔާމީންގެ ވަފާތެރި ބޭފުޅެއް ކިޔައިދެއްވިއެވެ.
ޔާމީން މުއިއްޒަށް ތާއީދު ކުރެއްވީ ރުހިގެން ހުންނަވައި ނޫންކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ. އެކަމަކު، އެ ތާއީދުގައި ވެރިކަން ލިބިވަޑައިގަތުމުން، ދެން ވެރިކަން ކުރައްވަންވީ ގޮތް އެނގޭނީ މުއިއްޒަށްތާއެވެ. ޕީޕީއެމް މެންބަރުންގެ ހިތަށް ދަތިވި ނަމަވެސް އަދުރޭ ވިދާޅުވި ގޮތަށް އުފެދެން އުޅެނީ ޕީއެންސީގެ ސަރުކާރެކެވެ.