އެންބީއޭ ބާސްކެޓްބޯޅައިގެ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުޅެމުންދާ ޕްރީސީޒަން މެޗްތަކުގެ ތެރޭގައި ބޮސްޓަން ސެލްޓިކްސްއާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބުކޮށްފިއެވެ.

ފިލަޑެލްފިއާގެ ވެލްސް ފާގޯ ސެންޓާގައި ކުޅުނު މި މެޗު ސެލްޓިކްސް ކާމިޔާބު ކުރީ 112 ޕޮއިންޓް 101 ޕޮއިންޓުންނެވެ.

މި މެޗު ފެށުނީއްސުރެ ނިމެންދެން ކުރީގައި އުޅެފައިވަނީ ސެލްޓިކްސްއިންނެވެ. މި ގޮތުން ފުރަތަމަ ކްއާޓާ ނިމުނުއިރު 35 ޕޮއިންޓް 31 ޕޮއިންޓުން ސެލްޓިކްސް ކުރީގައި އޮތްއިރު ދެވަނަ ކްއާޓާގައި ސެލްޓިކްސްއިން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގިއެވެ. ތިންވަނަ ކުއާޓާ ވެގެންދިޔައީ މި މެޗުގެ އެންމެ ތަފާތު ބޮޑުކޮށް ފެނިގެންދިޔަ ކްއާޓާއަށެވެ. މިގޮތުން ސެލްޓިކްސްއިން 23 ޕޮއިންޓް ހޯދިއިރު ސެވަންޓީ ސިކްސާސްއަށް ހޯދުނީ 16 ޕޮއިންޓެވެ.

މި މެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދާދީ އެއް ރީބައުންޑް ނަގާދީ ތިން އެސިސްޓް ދިން ޕޭޓަން ޕްރިޗާޑްއެވެ. ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދާދީ ތިން ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ކެލީ އޮއުބްރޭ ޖޫނިއާއެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލޮސް އެންޖަލިސް ލޭކާސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ލޭކާސްއެވެ. ކެލިފޯނިއާގެ ހޮންޑާ ސެންޓަރުގައި ކުޅުނު މި މެޗުގައި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދާދީ ތިން ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ޑި އެންޖެލޯ ރަސެލްއެވެ. ކިންގްސްއަށް ބަލާލާއިރު އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ 5 އެސިސްޓް ދިން ޑި އާރޮން ފޮކްސްއެވެ.

އެންބީއޭ އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.