13 Oct 2023, 15:11
ހަމާސްއިން އިޒްރޭލަށް ހަމަލާ ދިން ފަހުން، އެ ޖަމާއަތާ ގުޅުން ހުރި އެތައް ސަތޭކަ އެކައުންޓެއް އެކްސް އިން ބްލޮކްކޮށް، އެތައް ހާސް ކޮންޓެންޓެއް ނަގައި ނުވަތަ ލޭބަލް ކޮށްފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވެއްޖެއެވެ.
އެކްސްގެ ސީއީއޯ ލިންޑާ ޔަކަރީނޯ އިއްޔެ ވަނީ، އެ ޕްލެޓްފޯމްގައި ގާނޫނާ ހިލާފު ކޮންޓެންޓް ދައުރުވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ކުންފުނިން ކުރާ ކަންތައްތަކަށް އަލި އަޅުއްވާލައްވާފައެވެ.
އެއީ އިޒްރޭލް މައްސަލައާ ގުޅިގެން ދައުރުވާ އޮންލައިން ކޮންޓެންޓާ މެދު ފިޔަވަޅު އެޅުމުގައި އެކްސްއިން ޔޫރަޕިއަން ޔޫނިއަންގެ ހަރުކަށި އާ ޑިޖިޓަލް އުސޫލާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ އެ ޔޫނިއަނުން ސުވާލުކޮށްފައި އޮތުމުންނެވެ.
އެކަމާ ގުޅިގެން، ޔޫރަޕިއަން ކޮމިޝަންގެ ޑިޖިޓަލް މައްސަލަތަކުގައި އިސްކޮށް ހުންނަވާ ކޮމިޝަނަރު ތިއެރީ ބްރެޓަންއަށް ފޮނުއްވި ސިޓީއެއްގައި ޔަކަރީނޯ ވިދާޅުވީ އެކްސް އިން ދަނީ ފޭކް އަދި އެޑިޓްކޮށްފައިވާ ކޮންޓެންޓްތައް ދެނެގަނެ އެކަމަށް އެކަށީގެންވާ ގޮތެއްގައި ހައްލު ހޯދަމުން ކަމަށެވެ.
ހަމާސްއާއި އިޒްރޭލުން ބަދަލުކުރަމުންދާ ހަމަލާތަކުގައި މީހުންނަށް ލިބޭ ޒަޚަމްތަކާއި މީހުންނަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މިދިޔަ އަހަރު އެ ޕްލެޓްފޯމް ގަތް ފަހުން މަސްކް އެ ޕްލެޓްފޯމަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެކްސްގެ ބްލޫ ޗެކް ހިދުމަތަށް ސަބްސްކްރައިބްކުރާ އެކައުންޓްތަކުގެ ޕޯސްޓްތައް ވައިރަލްވެއްޖެ ނަމަ އެ އެކައުންޓުގެ ވެރި ފަރާތަަށް ފައިސާ ލިބޭ ގޮތް ހެދުމާއި، އެންމެ ބޮޑު ރިއެކްޝަނެއް ލިބޭ ކޮންމެ ޕޯސްޓްއަކަށް ވެސް ފައިސާ ލިބޭ ގޮތް ހެދުން ހިމެނެއެވެ.
އެ ބަދަލުތަކަކީ މިދިޔަ އޮގަސްޓް މަހު އަމަލުކުރަން ފެށި އީޔޫގެ ޑިޖިޓަލް ސާވިސް ގާނޫނާ ފުށުއަރާ ކަންކަމެވެ.
އީޔޫގެ އާ ގާނޫނަށް އަމަލު ނުކުރާނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރާނެ ކަމުގެ އިންޒާރު އީޔޫއިން ދެއެވެ. އަދި އެ ގާނޫނު އޮތުމުން، ޓެރަރިޒަމާ ގުޅުން ހުރި ނުވަތަ ގާނޫނާ ހިލާފަށް ނަފުރަތު އުފެދޭ ފަދަ ކޮންޓެންޓަށް އެ ކުންފުނިތަކުން ފިޔަވަޅު އެޅުމަށް މަޖުބޫރުވެއެވެ.