12 Oct 2023, 15:02
ބޭންކް އޮފް މޯލްޑިވްސްގެ މި އަހަރުގެ ސްޓާޓަޕް ގްރާންޓު ލިބޭ ދެ ވިޔަފާރިވެރިން މިއަދު ހޮވައިފިއެވެ.
ބީއެމްއެލްއިން ދޭ ފަސް ލައްކަ ރުފިޔާގެ މި ގްރާންޓަކީ އަލަށް ފަށާ ވިޔަފާރިވެރިންނަށް ކޮންމެ އަހަރަކު ދޫކުރަމުން އަންނަ އެހީއެކެވެ.
ސްޓާޓަޕް ގްރާންޓް މި އަހަރު ކާމިޔާބު ކުރި ދެ ފަރާތަކީ:
1. އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ)
- ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް
2. ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތު)
- ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަން ގެ ހިދުމަތް ގާއިމްކުރުމަށް

ބޭންކް އޮފް މޯލްޑިވްސް ސްޓާޓަޕް ގްރާންޓު 2023 ގެ އިވެންޓުގެ ތެރެއިން _ ފޮޓޯ/ ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ، މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދެކެންބޭނުން ވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރު،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ، ސްޓާޓަޕް ގްރާންޓު ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު ދިހަ ފަރާތް ވަނީ ޝޯޓްލިސްޓު ކޮށްފައެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓް ލިސްޓުވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.