12 Oct 2023, 13:33
ޓެލްއަވީވު (12 އޮކްޓޯބަރު 2023) : ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކަކުން ސަލާމަތްވުމަށް އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ކްލެވާލީ ބިރުން ފިއްލަވަން އުޅުއްވާ މަންޒަރު ފެންނަ ވީޑީއޯ އެއް އާންމު ވެއްޖެއެވެ.
މިކަން ހިނގާފައިވަނީ އިސްރާއީލުގެ އަނިޔާވެރި އަމަލުތަކަށް ހިއްވަރު ދެއްވުމަށާއި އިނގިރޭސިވިލާތް އަބަދުވެސް އޮންނާނީ އިސްރާއީލުގެ އިސްތިއުމާރަށް އެހީތެރިވުމުގައިކަން ހާމަކުރެއްވުމަށްޓަކައި އިނގިރޭސި ޚާރިޖީ ވަޒީރު އިސްރާއީލަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަނިކޮށެވެ.
އިއްޔެ ވައިރަލްވި މި ވީޑިއޯގައި ފެންނަނީ އިސްރާއީލަށް ހިޖުރަކޮށްގެންއުޅޭ ބޭރުގެ ޔަހޫދީން ދިރިއުޅޭ ޔަހޫދީ އާބާދީއަކަށް ޖޭމްސް ކްލެވާލީ ވަޑައިގެން އެ މީހުންނަށް ހަމްދަރުދީ ފާޅުކުރަން އުޅުއްވަނިކޮށް ހަމާސްގެ މުޖާހިދުން އެ ސަރަހައްދަށް ރޮކެޓްތަކެއް ފޮނުވާލުމުން ސިހިވަޑައިގެން އެއިން ސަލާމަތް ވުމަށްޓަކައި ބިން ގަރާހަކަށް ވަދެ ފިއްލެވުމަށް އޭނާ އުޅުއްވާ މަންޒަރެވެ.
ހަމާސްގެ ރޮކެޓްތަކާއެކު އެ ސަރަހައްދުގައި އޭރު ދަނީ ސައިރެންސް އަޅަމުންނެވެ. އެކްސް ގައިވާ އިސްރާއީލުގެ ޚާރިޖީ ވުޒާރާގެ ރަސްމީ އެކައުންޓުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ކްލެވާލީ އަކީ އެފްރިކާގެ ގައުމެއްކަމަށްވާ ސީރަލިޔޯން ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.
ކްލެވާލީ ބިރުން ފިއްލަވަން އުޅުއްވާ މަންޒަރާއެކު އެކްސް ގައިވާ އިސްރާއީލުގެ ޚާރިޖީ ވުޒާރާގެ ރަސްމީ އެކައުންޓު ބުނާގޮތުން ކްލެވާލީ ޔަހޫދީ އާބާދީގައި އެ ތަޖުރިބާ ކުރެއްވީ ހަމާސްގެ ރޮކެޓްތަކުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުން ކޮންމެ ދުވަހަކު އުޅެންޖެހޭ ދަތިހާލަތެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާގެ އެކްސްގައި އިސްރާއީލުން ފަލަސްތީނަށް އެއްވެސް ކަމެއްކުރާކަން ހާމަކޮށްފައެއް ނުވެއެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތައް ޣައިރު ގާނޫނީގޮތުން ހިފައިގެން އޮންނަތާ 75 އަހަރު ވެފައިވާކަމާއި އިސްރާއީލު ސިފައިންގެ އަނިޔާވެރި އަމަލުތަކުގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ޝަހީދުވަމުންދާތާ 75 އަހަރުވެފައިވާކަން ފަދަ އެއްވެސް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.
އިސްރާއީލުން އެ ގައުމުގެ ޖަލުތަކުގައި ފަލަސްތީނުގެ އަށް ހާހަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު ކެންސަރުފަދަ އެތައް ބަލިތަކެއްގައި ކޮންމެ ދުވަހަކު އޭގެ ތެރެއިން މީހުން މަރުވަމުންދެއެވެ. އަދި އދ. ގެ ގަރާރުތަކަށް ގޮންޖެހުމަށްފަހު އިސްރާއީލު ވަނީ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްފައެވެ. އިސްރާއީލާއެކު 20 އަހަރުވަންދެން ސުލްހައިގެ ވާހަކަތައް ދެއްކުމުންވެސް ފަލަސްތީނުގެ އެއްވެސް ހައްގެއް އަދި ބިމެއް ދިނުމަށް އިސްރާއީލުވަނީ ދެކޮޅު ހަދާފައެވެ.
އަނެއްކޮޅުން މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ތެދުވުމަކީވެސް ޓެރަރިޒަމްކަމަށް އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުވެ އިސްތިއުމާރީ ބާރުތައްކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ގައުމުތަކުން ގެންދަނީ ސިފަކުރަމުންނެވެ.
ޖޭމްސް ކްލެވާލީ ވެސް ވަނީ އިސްރާއީލުގައި އޭނާއަށް ކުރިމަތިވި މި ހާދިސާއާ ގުޅޭގޮތުން އެކްސް އެއް ކުރައްވާފައެވެ. އެ އެކްސްގައި އޭނާވެސް ވަނީ އޭނާ ތަޖުރިބާ ކުރައްވާފައި މިވަނީ ކޮންމެ ދުވަހަކު އިސްރާއީލުގެ އާންމުން ތަހައްމަލު ކުރަމުންގެންދާ ހަގީގަތްކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުގެ ސަބަބުން ފަލަސްތީނުގެ އާންމުންނަށް އެއްވެސް އަނިޔާއެއް އަދި އިސްރާއީލުން ފަލަސްތީނުގެ ބިން ހިފައިގެން އުޅޭކަންކަން ފަދަ އެއްވެސް ކަމެއް ހާމަ ނުރައްވައި ކްލެވާލީ ވަނީ ގަސްދުގައި މުޅި މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވާފައެވެ.