14 May 2012, 17:30
ކުޑަދަރިފުޅު ހުންއައުމުން އިހުޒަމާނުގައި ދުއްވައިގަނެވެނީ ޑިސްޕިރިން (އެސްޕިރިން) ގުޅައެއް ލިބޭތޯއެވެ. ނަމަވެސް މިޒަމާނުގައި ކުޑަކުއްޖަކު ހުންއައުމުން އެސްޕިރިން ދިނުމަކީ މުޅިން މަނާކަމެކެވެ. އަށާރައަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ދިނުމުން ނުރައްކާތެރި ސިއްޙީ ޙާލަތެއްކަމުގައިވާ ރޭއިސް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ބޮޑުކަމުން މިހާރު ކުޑަކުދިންނަށް ހުން މަޑުކުރުމަށް އެސްޕިރިން ދިނުން ވަނީ ހުއްޓާލެވިފައެވެ. އަދި ދުނިޔެއަށް މަޝްހޫރު އެސްޕިރިން މިހާރުވަނީ އެއަށްވުރެ މާމުޙިއްމު ރޯލެއް އަދާކުރަން ފަށާފައެވެ.
އެސްޕިރިން އަކީ މިހާރު ހިތުގެ ބަލީގެ ބަލިމީހުން ގެ މިތުރެކެވެ. ބޭނުން ކުރަން މަޖުބޫރު ބޭސްލިސްޓު ގެ އެންމެ ބޭނުން ތެރި އެއް ބޭހެވެ. ހިތުގެ ބަލިޖެހުމުގެ ފުރުސަތުބޮޑު ފަރާތް ތަކަށް ހިތުގެ ބަލި ޖެހުން ދުރުކޮށްދޭ ބޭހެކެވެ. ހިތުގެ ނާރެއްގެ ލޭހިނގުން ހުއްޓިގެން ނުވަތ ލޭހިނގުން މަދުވެގެން ހޮސްޕިޓަލަށް ދިޔުމުން ދެވޭފުރަތަމަ ބޭހަކީ އެސްޕިރިނެވެ. ބޮޑުގޮހޮރު ގެ ކެންސަރާއި އަދި އެހެނިހެން ކެންސަރު ޖެހުން ދުރުކޮށްދޭ ބޭހެއްގެ ގޮތުގައިވެސް އެސްޕިރިން ބެލެވެއެވެ. އަދި އެކިވައްތަރު ގެ ރިއްސުމަށް ބޮޑެތި މީހުން އަދިވެސް އެސްޕިރިން ބޭނުން ކޮށްއުޅެއެވެ.
މިސަބަބުތަކަށްޓަކައި ވަކިއުމުރަކަށް ދިޔުމުން ހުރިހާ އެންމެންވެސް އެސްޕިރިން ގެ ކުޑަ ޑޯޒެއްބޭނުން ކުރަން ރަނގަޅު ބޭހެއް ކަމުގައި ދުނިޔޭގެ ބައެއް ސިއްޙީ ތަޖުރިބާކާރުން ބުނާބުނުމަކީ ހައިރާން ވާވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިހާތަނަށް ކުރެވިފައިވާ ދިރާސާ ތަކުގެ އަލީގައި އަދި މިއީ ކުރަން އެދެވޭ ކަމެއް ނޫނެވެ. ސަބަބަކީ ހިތުގެ ބަލިން ދުރުވުމަށް ޚާއްސަ ކޮށް ހިތުގެ ނާރެއްގައި ގަނޑު ލޭކޮޅެއް ތާށި ވެގެން ހިތް ހުއްޓުމުން ދުރުކޮށްދޭ ބޭހެއް ކަމުގައި އެސްޕިރިން ވިޔަސް އޭގެ ސަބަބުން މަދުން ނަމަވެސް ގޮހޮރުން ލޭއައުން ފަދަ ނުރައްކާތެރިކަން ބައެއްފަހަރު ކުރިމަތިވާތީއެވެ.
އެސްޕިރިން ގެ އެންމެ މުޙިއްމު މަސައްކަތަކީ ލޭގަނޑުވުން ދުރުކޮށްދިނުމެވެ. އެހެން ކަމުން ގަނޑު ލޭކޮޅެއް ހިތުގެ ނާރެއްގައި ތާށިވުމުން ނޫނީ ބެދުމުން ހިތް ހުއްޓުމާއި ސިކުނޑީގެ ނާރެއްގައި ތާށިވުމުން ނޫނީ ބެދުމުން އެއްފަޅިވާގިނެތުމުން ރައްކާތެރިވުމަށް އެސްޕިރިން އަކީ ވަރަށް މުޙިއްމު ބޭހެކެވެ. ހިތުގެ ބަލިޖެހިފައިވާ ބަލިމީހުންނާއި، އެއްފަޅި ވާގިނެތިފައިވާ ބަލިމީހުންނަށް އެސްޕިރިން އަކީ އިތުރަށް ބަލި ބޮޑު ވިޔަނުދިނުމަށް ކޮންމެހެން ބޭނުން ކުރަން ޖެހޭ ބޭހެކެވެ.
ހިތުގެ ބައްޔާއި އެއްފަޅި ވާގިނެތުމުގެ ބަލިން ދުރުހެލިވުމަށް ބަލިނުޖެހޭމީހުން އެސްޕިރިން ބޭނުން ކުރަން ނުޖެހުނަސް، މިބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުފަރާތް ތަކުން ޑޮކްޓަރު ގެ ލަފާގެމަތިން އެސްޕިރިން ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މިފަދަ ފުރުސަތު ކުޑަ ނުވަތަ ނެތް ފަރާތް ތަކުން ހިތުގެ ބަލިންނާއި އެއްފަޅި ވާގިނެތުމުގެ ބަލިން ސަލާމަތް ވުމަށް މިވަގުތަށް އެނބުރި ދާން ޖެހެނީ ކޭން ބުއިމުގެ އާދަތައް ބަދަލުކުރުމާއި އުޅުމުގެ ވައްޓަފާޅި ބަދަލުކުރުމެވެ. ބޭނުން ކުރައްވާ ކާނާ ގައި ލޮނާއި ތެޔޮ މަދުކުރުމާއި ޤަވާއިދުން ކަސްރަތުކުރަން ފެށުމެވެ. އޭރުން ހިތުގެ ލޭނާރާއި ސިކުނޑީގެ ލޭނާރުގެ ބަލިތަކުން ސަލާމަތް ވުމުގެ ފުރުސަތު ކުޑަވާނެއެވެ. މިއީ ބޭސްގުޅައެއް ބޭނުން ކުރުމަށް ވުރެ މާ ބުއްދިވެރި ގޮތެކެވެ.