12 Oct 2023, 13:40
އާ ސަރުކާރާއެކު ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާއެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އެމެރިކާއިން ދެއްވާނެކަމުގެ ޔަގީންކަން މިއަދު ދެއްވައިފިއެވެ.
އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހޫގޯ ޔޫހޯ ޔޮން މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
އަދި ރާއްޖޭގައި އެމެރިކާއިން އަލަށް ގާއިމުކުރި އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ދައުރުގައި، އެމެރިކާއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެއްވާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.