12 Oct 2023, 12:58
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ވުމުން، އާ ސަރުކާރުގެ ކެބިނެޓު އެކުލަވާލައްވަނީ ވެސް މުއިއްޒު ކަމަށާއި ވަކި ފަރާތަކުން ހުށަހަޅާ ނަންތަކެއް އެކަމަށް ބޭނުންނުވާ ކަމަށް މުއިއްޒުގެ އިންތިގާލީ ކޮމިޓީގައި އިސްކޮށް ހުންނަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ކެބިނެޓް އެކުލަވާލުމަކީ ގާނޫނު އަސާސީން ރައީސަށް ލިބިދޭ އިޚްތިޔާރެއް ކަމަށެވެ.
"ކެބިނެޓު އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާނީ. ދެން އެއަކަށް ނުޖެހޭނެ އިތުރު ބޭބޭފުޅުން، އަޅުގަނޑުވިޔަސް އެހެން ބޭފުޅުން ވިޔަސް ލިސްޓު ހަދާފަ ފޮނުވަން. އެއީކީ އެކަން އޮންނަ ގޮތެއް ނޫންކަން ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ އެހެން ވިދާޅުވީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރަން ބޭނުންފުޅުވާ މީހުންގެ ލިސްޓެއް މުއިއްޒަށް ފޮނުއްވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެފަދަ ލިސްޓެއް ފޮނުއްވި ކަމެއް ވެސް އަދި އެކަމާ ގުޅިގެން މުއިއްޒު ވަކި އެއްޗެކޭ ވިދާޅުވި ކަމެއް ވެސް މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ ރައްޔިތުން ހަވާލުކުރީ ކުރިއަށް އޮތް ފަސް އަހަރަށް ޑރ. މުއިއްޒާ. ޕީއެންސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާ ހަވާލުކުރީ. އެެހެންވީމަ އެމަނިކުފާނު ރައްޔިތުން ކުރިމައްޗަށް ވަޑައިގަތީ، އެމަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގަތީ، އެހެންވީމަ އެމަނިކުފާނު ވެވަޑައިގެންނެވި ވައުުދުތައް ފުއްދެވުމަށް އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައި އެމަނިކުފާނަށް މަސައްކަތް ކުރެވޭނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެން ވިދާޅުވުމަށް ފަހު އަބްދުއްރަހީމް ވަނީ، ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރައްވާއިރު މަޝްވަރާ ކުރައްވަން ޖެހޭ ފަރާތްތަކަ އެ މަނިކުފާނު މަޝްވަރާ ކުރައްވާނެކަން ވެސް ފާހަގަކުރައްވާފައެވެ.
މީގެ ކުރިން މުއިއްޒު ވަނީ، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ވެރިކަން ކުރައްވާއިރު ރައީސް ޔާމީންގެ އިރުޝާދާއި ލަފާފުޅު ލިބުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މުއިއްޒު ހިތްހަމަ ޖެހިވަޑައިގަންނަވާ ގޮތަށް ޔާމީނާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައިނުވާކަމަށާއި އެއީ ޔާމީން މިހާރު ހުންނެވި ގާނޫނީ ހާލަތުގެ ގޮތުންނާއި މުއިއްޒު ވެސް މި ވަގުތު އިންތިލާގީ މަސައްކަތްތަކުގައި އަވަދި ނެތި އުޅުއްވާތީ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.
އިދިކޮޅުން އެންމެ ފުރަތަމަ ޕީޕީއެމް ޕީއެންސީން ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ޓިކެޓް އެރުވީ ރައީސް ޔާމީނަށެވެ. ނަމަވެސް އެ މަނިކުފާނަށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލަައިގައި އިއްވި 11 އަހަރުގެ ޖަލުހުކުމާއެކު އެ ފުރުސަތު ގެއްލުނެވެ.
އިސްތިއުނާފް މަރުހަލާ ނުނިމި އޮއްވައި ޔާމީންގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމިއެވެ. އެއާއެކެ އެ ކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް މައްސަލަ ނިމުނީ އިލެކްޝަންސް ކޮމިޝަނާ އެއްކޮޅަށެވެ.
އެއާއެކު އިންތިޚާބު ބޮއިކޮޓްކުރުމަށް ރައީސް ޔާމީން އަންގަވައިފައިވަނިކޮށް ޕީއެންސީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވަން އިއުލާންކުރިއެވެ.
އޭރު ޕީޕީއެމްގައި ހުންނެވި މުއިއްޒު އެ ޕާޓީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއިކުރައްވައި، ޕްރައިމަރީގައި ބައިވެރިވެވަޑައިގެން ޓިކެޓް ހޯއްދެވީއެވެ.
މުއިއްޒު އިންތިޚާބުވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި ފުރަތަމަ ވެސް އެދިވަޑައިގަތީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށެެވ. އަދި އިންތިޚާބުގެ ދެވަނަ ބުރަށް ފަހު ޖެހިގެން އައި ދުވަހު ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.