ބޭރަށް ހިންގާ ރޯގާ ޖެހިފައިވާ މީހުންގެ އަދަދު މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އިތުރުކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

އެގޮތުން ވޭތުވެ ދިޔަ ތިން އަހަރު ބޭރަށް ހިނގުމާއި ހޮޑުލުމުގެ ރޯގާ ރިޕޯޓު ކޮށްފައިވާ އަދަދާ އަޅާ ބަލާއިރު، އާންމު ގޮތެއްގައި މި އަހަރު މި ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު އިތުރެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ ކޭސްތައް އިތުރުވެފައިވާ އިރު މި އަހަރުގެ އޮގަސްޓް މަހުގައި މިބަލި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން މި ބަލީގެ 10،451 ކޭސް ވަނީ ވޭތުވެ ދިޔަ އޮގަސްޓް މަހު ރިޕޯޓު ކޮށްފައެވެ. މިމަހުގެ މިހާތަނަށް 7160 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އެންމެ ގިނައިން މި އަހަރު ރިޕޯޓު ކޮށްފައިވަނީ މާލެ އަތޮޅުންނެވެ. އެއީ އާބާދީގެ ކޮންމެ 10،000 މީހެއްގެ ތެރެއިން 318 މީހުންނެވެ. މީގެ އިތުރުން ހއ އަތޮޅާއި ހދ އަތޮޅުގައިވެސް މި ރޯގާގެ ކޭސްތައް އިތުރެވެ.

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާގެ އިތުރުން އަރިދަފުސް ރޯގާއާއި، ވައިރަލް ހުން މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެޗްޕީއޭއިން ބުނީ ރާއްޖޭގެ ގިނަ އަތޮޅު ތަކުގައި މި ދެ ބަލި ވެސް އިތުރުވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ނެރެފައިވާ އަރިދަފުސް ރޯގާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެ ދިޔަ ތިން އަހަރަށް ވުރެ ވެސް މިއަހަރު އަރިދަފުސް ރޯގާ ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ގިނައިން އަރިދަފުސް ރޯގާގެ ކޭސްތަށް ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އެއީ 39،481 ކޭސްއެވެ.

ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް އަރާ ބަލި ތަކުގެ ތެރެއިން އާންމުކޮށް ފެންނަ 4 ބަލި ޖެހިގެން، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ގިނަ އަދަދެއްގެ ކޭސްތައް ވަނީ ރިޕޯޓު ކޮށްފައެވެ.