12 Oct 2023, 09:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރާ ގުޅިގެން އެމަނިކުފާނަށް މިއަދު ނޯޓިސް ފޮނުވައިފިއެވެ.
ރައީސް ނަޝީދު މަގާމުން ވަކިކުރަން ވެރިކަން ކުރާ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ގަރާރެއް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގައެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ ގަރާރާ ގުޅިގެން ނަޝީދަށާއި މެންބަރުންނަށް މިއަދު ހެނދުނު ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
އެމްޑީޕީން އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެއް ކަމަށާއި، އެމްޑީޕީން މިދިޔަ ދައުރުގައި އެފަދަ މައްސަލައެއް ހުށަހަޅައި، މި ދައުރުގައި އެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވަނީ ނަޝީދަށް އެގޮތަށް ވިދާޅުވުނުވެވޭނެ ކަމަށާއި އެކަން ނިންމަވާނީ އަމީންއާންމު ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަނާޅަން އެދި ނަޝީދު ބައެއް މެންބަރުންނަށް އިންޒާރުގެ މެސެޖު ފޮނުއްވި ކަމަށް އަސްލަމް ތުހުމަތު ކުރެއްވިއެވެ.
މިދިޔަ ޖޫން މަހު 56 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ޕާޓީން އަނބުރާ ނެގީއެވެ.
އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމަށް އޭރު ހުށަހެޅި މައްސަލަ އަނބުރާ ނެގީ އެ މައްސަލަ ހުއްޖަތަކަށް ހައްދަވައިގެން މަޖިލިސް ހުއްޓުވާލަމުން ދިއުމުން ކަމަށެވެ. އެހެންވެ، މަޖިލީހުގައި ހުރި މުހިއްމު މަސައްކަތްތަކެއް ކޮންމެހެން ވެސް ކުރަން ޖެހުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ދައުރުގައި ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަރުތަޅު އެޅުނެވެ. އޭގެ ސަބަބުން، މަޖިލިސް ޗުއްޓީއަށް ދާން ޖެހުނީ ގިނަ މަސައްކަތްތަކެއް ނުނިންމައެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.