12 Oct 2023, 11:27
އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ފިރިހެނުންގެ ވޯލްޑް ކަޕްގައި އިންޑިއާ އާއި އަފްޣާނިސްތާން ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ އަށް ވިކެޓުންނެވެ. މި މެޗްގައި އިންޑިއާގެ ތަރިއަކަށް ވެގެންދިޔައީ 84 ބޯޅައިން 131 ލަނޑު ހަދާދިން ކެޕްޓަން ރޯހިތު ޝަރްމާއެވެ.
ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ޓޮސް އަފްޣާނިސްތާނަށް ދިމާވުމުން އެ ޓީމުން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރުމަށެވެ. މިގޮތުން އަފްޣާނިސްތާނުން އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 272 ލަނޑެވެ.
އަފްޣާނިސްތާން ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 80 ލަނޑު ހަދާދިން ކެޕްޓަން ހަޝްމަތުއްﷲ ޝާހިދީއެވެ. މީގެ އިތުރުން އަޒްމަތުއްﷲ އޮމަރުޒާއީ ވަނީ 62 ލަނޑު ހަދާދީފައެވެ. މިއީ ނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 39 ލަނޑަށް 4 ވިކެޓް ނަގާދިން ޖަސްޕްރިތު ބުމްރާހްއެވެ. މީގެ އިތުރުން ހަރްދިކް ޕާންޑްޔާވަނީ 7 އޯވަރު 43 ލަނޑަށް ދެ ވިކެޓް ނަގާދީފައެވެ.
ޖަވާބުގައި އިންޑިއާއިން ކުޅެން އަރާ 35 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 273 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. މި މެޗްގައި އިންޑިއާއަށް އެންމެ ރަނގަޅު ކުޅުމެއް ރޯހިތު ދެއްކިއިރު ވިރާތު ކޯލީ ވަނީ ނުބައިނުވެ 55 ލަނޑު ހަދާދީފައެވެ.
މި މެޗްގައި ރޯހިތު ދެއްކި މޮޅު ކުޅުމާއެކު އޭނާ މިވަނީ އާ ރިކޯޑް ތަކެއްވެސް ގާއިމް ކޮށްފައެެވެ. މިގޮތުން މިމެޗްގައި ހެދި ސައްތައާއެކު އޭނާ މިވަނީ ވޯލްޑް ކަޕްގައި ހަތްވަނަ ސައްތަ ގާއިމް ކޮށްފައެވެ. މި ރިކޯޑް ކުރިން އޮތީ އިންޑިއާގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރު އަތުގައެވެ. އަދި މި މެޗްގައި 63 ބޯޅައިން ސައްތަ ހަމަކޮށްފައިވުމާއެކު އޭނާ މިހާރު ވެފައިވަނީ ވޯލްޑް ކަޕްގައި އެންމެ އަވަހަށް ސައްތަ ހެދި އިންޑިއާގެ ކުޅުންތެރިޔާއަށެވެ. މީގެކުރިން އެންމެ އަވަހަށް ސައްތައެއް ހަދާފައިވާ އިންޑިއާގެ ކުޅުންތެރިޔާއަކީ 1983 ވަނަ އަހަރުގައި 72 ބޯޅައިން ސައްތަ ހަމަކުރި ކަޕިލް ދޭވް އެވެ.
ހަމައެއާއެކު މި މެޗްގައި އޭނާ ހަޔަކަށް ޖެހި ތިންވަނަ ބޯޅައާއެކު ބައިނަލްއަޤްވާމީ މެޗްތަކުގައި ހަޔަކަށް ޖެހި ބޯޅައިގެ އަދަދު 554 އަށް އަރާފައެވެ. މިއާއެކު މިބައިންވެސް އޭނާ މި ވަނީ ވެސްޓް އިންޑީޒްގެ ކްރިސް ގޭލްއަށް ވުރެ ކުރިއަށް މިހާރު ޖެހިލާފައެވެ.
މި ކާމިޔާބީއާއެކު އިންޑިއާއިން މި ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ މެޗްގައި މި އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ދުވަސްވީ ވާދަވެރިން ކަމުގައިވާ ޕާކިސްތާނާދެކޮޅަށެވެ. މި މެޗުން ބަލިވުމާއެކު އަފްޣާނިސްތާން މި ވަނީ އެ ޓީމް މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. އަދި މިއަންނަ އާދިއްތަ ދުވަހު ކުޅޭ ތިން ވަނަ މެޗްގައި ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑާއި ދެކޮޅަށެވެ.