12 Oct 2023, 09:39
އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓާ މައޭމީއަށް ކުޅެމުންދާ އާޖެންޓީނާ ޤައުމީ ޓީމްގެ ކެޕްޓަން ލިއޮނެލް މެސީ، އެމްއެލްއެސް ސީޒަން ނިމުނު ކަމުގައިވީ ނަމަވެސް ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ޓީމަކާ ނުގުޅޭނެކަމަށް ހާމަވެއްޖެއެވެ.
ފުޓްބޯޅައިގެ ތަޖްރިބާކާރެއް ކަމުގައިވާ ސްޕެއިންގެ ގުއިޔެމް ބަލާގް ހާމަކުރިގޮތުގައި އެމްއެލްއެސް ސީޒަން ނިމުމުން އުމުރުން 36 އަހަރުގެ މެސީ ފަހަރެއްގައި އޭނާ ކުރިން ކުޅުނު ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ނުވަތަ ސައުދީ ޕްރޯ ލީގަށް ބަދަލުވެދާނެކަމުގެ އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އެއިން އެއްވެސް ކޮޅަކަށް ދިއުމުގެ ވިސްނުން މެސީގެ ނެތް ކަމަށެވެ.
އިންޓާ މައޭމީ އާއި އެފްސީ ސިންސިނާޓީ އެންމެ ފަހުން ބައްދަލުކުރިމެޗުން އެއްލަނޑު ސުންލަނޑުން އިންޓާ މައޭމީ ބަލިވުމާއި ގުޅިގެން މި ފަހަރުގެ ސީޒަންގެ ޕްލޭ އޮފްގައި ކުޅުމުގެ ފުރުސަތު މިހާރު ވަނީ އެ ޓީމަށް ގެއްލިގެން ގޮސްފައެވެ. އެހެން ކަމުން މެސީއަށް މިފަހަރުގެ ކްލަބް ސީޒަން މިމަހުގެ 21 ވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ.
އަނިޔާގެ ސަބަބުން ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް މެސީއަށް އެމްއެލްއެސްގައި ކުޅެވިފައިވަނީ 72 މިނެޓެވެ.
ކްލަބް ސީޒަން ނިމުމުން މެސީއަށް މި އަހަރު ބާކީ އޮންނާނީ ވޯލްޑް ކަޕް ކޮލިފައިންގައި ނޮވެމްބަރު މަހުގެ 17 އަދި 22 ވަނަ ދުވަހު އުރުއާއީ އާއި ބްރެޒިލް އާއެކު އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ ދެމެޗް އެކަންޏެވެ.
ބަލާގް ހާމަކުރާގޮތުގައި އެ ދެ މެޗަށް ފަހު މިހާރު ހަމަޖެހިފައިވާގޮތުން މެސީ ދާނީ އެއްމަސް ދުވަހުގެ ޗުއްޓީއަކަށެވެ. އެހެން ކަމުން އޭނާ ސައުދީ ލީގަށްވިޔަސް ނުވަތަ އެފަދަ އެހެން ފުރުސަތެއްގެ ބޭނުން ހިފުމުގެ ފުރުސަތެއް ނެތް ކަމުގައި ބަލާގް ހާމަކުރެއެވެ. އަދި ޗުއްޓީއަށް ފަހު އެމްއެލްއެސްގެ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންޓާ މައޭމީގެ ޕްރީ ސީޒަންގައި މެސީ ބައިވެރިވާނެއެވެ.
ބެލޮން ޑިއޯ ހަތް ފަހަރަށް ކާމިޔާބުކޮށްފައިވާ މެސީ އިންޓާ މައޭމީއަށް ބަދަލުވެފައިވަނީ ފްރެންޗް ލީގް އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އިން މި އަހަރުގެ ޖުލައި މަހުއެވެ. އަދި މައޭމީއަށް ބަދަލުވުމަށްފަހު މިހާތަނަށް ކުޅުނު 13 މެޗްގައި 11 ލަނޑު ޖަހާދީފައެެވެ.