12 Oct 2023, 09:26
ޗައިނާގެ ވިޔަފާރީގެ މަރްކަޒީ ރަށް ޝެންހާއީގައި މިހާރު ކުރިއަށްދާ ޝެންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ފަހު 16 ކުޅުންތެރިންގެ ބުރުން އެއްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިވެއްޖެއެވެ.
މިމުބާރާތުގެ ފަހު 16 ކުޅުންތެރިންގެ ބުރުން އަލްކަރާޒް ބަލިވެފައިވަނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ ބައްދަލުކުރި މެޗުން ދެ ސެޓް އެއް ސެޓުން ނާކާމިޔާބުވުމުންނެވެ.
ވާދަވެރި ކުޅުމެއް ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ސެޓް ފަހެއް ހަތަކުން އަލްކަރާޒް ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެ ސެޓް ޑިމިޓްރޯވް ވަނީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށް މި މެޗުން މޮޅުވެފައެވެ.
މި މެޗާއި ކުރިމަތިލީއިރު އަލްކަރާޒް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޑިމިޓްރޯވް ބަލިކޮށްފައެވެ. އަދި ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ އަލްކަރާޒް މި މުބާރާތާ ކުރިމަތިލީ ހަތް ވަނަ ޓުއާ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމާއެކުއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޑިމިޓްރޯވް ބުނިގޮތުގައި އޭނާ އަދިވެސް އެބަހުރިން ކަމަށާއި އަދި މިމުބާރާތް ދޫކޮށްދާން ބޭނުން ނުވާ ކަމުގައެވެ. އަދި ފަހު ސެޓްގައި އަލްކަރާޒްއަށް އިތުރު ޕްރެޝާ ކުރިމަތިކުރުވަން ޖެހޭނެ ކަން އެނގުނު ކަމަށާއި އެކަން ކުރުމުގެ ނަތީޖާ އެންމެ ފަހުން މި ފެނުނީކަމުގައި އޭނާ ބުންޏެވެ.
މި މުބާރާތުގައި 18 ވަނައަށް ސީޑް ކުރެވިފައިވާ ޑިމިޓްރޯވް ކްއާޓާ ފައިނަލްގައި ވާދަކުރާނީ 22 ވަނައަށް ސީޑް ކުރެވިފައިވާ ޗިލީގެ ނިކޮލަސް ޖެރީ އާއެވެ.
ކޮވިޑްއަށް ފަހު ބާއްވަމުންދާ ޝަންހާއީ މާސްޓާސްގެ ފުރަތަމަ މުބާރާތުގެ ކްއާޓާ ފައިނަލުން ޗިލީގެ ޖެރީ ޖާގަހޯދީ ފަހު 16 ކުޅުންތެރިންގެ ބުރުގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން އާއި ބައްދަލުކުރިމެޗް ދެސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ފަހެއް ހަތެއް އަދި ހައެއް ތިނަކުންނެވެ.