12 Oct 2023, 09:00
ޝާހިދު ކަޕޫރުގެ ދަރިފުޅު ޒައިން އެންމެ ފުރަތަމަ ބެލި ހިންދީ ފިލްމަކީ ފިލްމު "ޖަބް ވީ މެޓް" ކަމަށް އެކްޓަރު ބުނެފިއެވެ.
"ޖަބް ވީ މެޓް" ބެލުމަށް ފަހު ޝާހިދު ފިލްމުގައި ފެންނަ ސިފައާ ބެހޭގޮތުން ޒައިން އެކްޓަރާ ވަރަށް ސުވާލު ކުރި ކަމަށް ވަނީ ބުނެފައެވެ. ޝާހިދު ކަޕޫރުގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖަބް ވީ މެޓް" ވަނީ ދާދި ފަހުން ތިއޭޓަރުތަކުގައި އަލުން ރިލީޒް ކޮށްފައެވެ.
މި ފިލްމު ރީ-ރިލީޒްކުރުމާ ވިދިގެން މީރާ އާއި ޝާހިދުގެ މަންމަ ބޭނުންވީ ތިއޭޓަރުގައި ފިލްމު ބަލާލަން ކަމަށް ޝާހިދު ވަނީ ބުނެފައެވެ. ދެ ކުދިން ޒައިން އާއި މީޝާއަށް އެންމެ ފުރަތަމަ ތިއޭޓަރުގައި ދައްކާނެ ފިލްމަކާ ބެހޭ ގޮތުން ދެ މީހުން މަޝްވަރާ ކުރާކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އަދި ޝާހިދުގެ އެއްވެސް ފިލްމެއް ކުދިންނަށް ދައްކަން އޭނާ ބޭނުން ނުވާ ކަމަށާ ނަމަވެސް އަންހެނުން މީރާގެ އެދުމުގެ މަތިން ނިންމީ "ޖަބް ވީ މެޓު" ކުދިންނާ އެކު އަލުން ބަލާލުމަށް ކަމަށް "ކަބީރު ސިންގް"ގެ އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ޖަބް ވީ މެޓް" ރީ-ރިލީޒް ކުރުމާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަމުގެ އަޑުތައް ވެސް ވަނީ އަރާފައެވެ. އެހެންނަމަވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ބަހެއް ވަނީ ނުލިބިފައެވެ.
ފިލްމުގެ ދެވަނަ ބައެއް އުފެއްދުމާ ބެހޭގޮތުން ޝާހިދު ކަޕޫރާ އެއްވެސް ފަރާތަކުން މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ޝާހިދު ކަޕޫރު މި ފަހަކަށް އައިސް ބޮޑަށް ފެނިފައި ވަނީ އެކްޝަން ތުރިލާ ތަކުންނެވެ. އޭގެތެރޭގައި ފިލްމު "ކަބީރު ސިންގް"، "ޖާޒީ" އަދި މި އަހަރު ރިލީޒްވި ފިލްމު "ބްލަޑީ ޑެޑީ" ހިމެނެއެވެ.
ޝާހިދު ކަޕޫރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ އިންނެވެ. ބަތަލާ ކްރިތީ ސެނޮން އާއެކު ކުޅޭ މި ފިލްމަށް ވަކި ނަމެއް އަދި ހަމަނުޖެހެއެވެ.