12 Oct 2023, 08:55
މަތީ ތަޢުލީމު ނިންމާލާ އިންޑިއާގެ ޒުވާނުން މިލިޓަރީ ތަމްރީނު ތަކުގައި ބައިވެރި ކުރަން މަޖުބޫރު ކުރަންޖެހޭ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.
މި މަހުގެ 27ގައި ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަންގަނާގެ ފިލްމު "ތެޖަސް"އާ ބެހޭގޮތުން މައުލޫމާތު ދެމުން ކަންގަނާ ބުނީ، ޤައުމުގެ ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުމަށާއި ރަނގަޅު ޑިސިޕްލިން އެއް އެ މީހުންގެ ކިބައިގައި ހަރުލެއްވުމަށް މިއީ ކޮންމެހެން ވެސް ކުރަން ވެއްޖެ ކަމެއް ކަމަށެވެ.
މިއަދުގެ ގިނަ ޒުވާނުންނަކީ، ވަރަށް ކަންނެތް އެހާމެ ޒިންމާދާރު ކުޑަ ބައެއްގެ ގޮތުގައި ސިފަކުރަމުން ކަންގަނާ ވަނީ މިލިޓަރީ ތަމްރީނު ތަކަށް ކުދިން ވެއްދުމުން އެ ޤައުމަށް އެކަމުން ނުހަނު ގިނަ ގުނަ ފައިދާ ތަކެއް ކުރިޔަށް އޮތް ތަނުގައި ކުރާނެ ކަމަށެވެ.
ފިލްމު "ތެޖަސް"ގައި ކަންގަނާ ކުޅޭ ރޯލާ ބެހޭގޮތުން ވާހަކަ ދައްކަމުން "މަނީކަރުނިކާ"ގެ ބަތަލާ ބުނީ އިންޑިއާގެ އަސްކަރިއްޔާ އޮފިސަރުން އެކި ޤައުމު ތަކުގެ ދުޝްމަނުންނާ ހަނގުރާމަ ކުރަމުން ދާކަމަށާއި އެކަން ގިނަ ފަރާތްތަކުން އަގު ވަޒަން ނުކުރާ ކަމަށެވެ.
އިންޑިއާއިން ދުޝްމަނުންގެ ގޮތުގައި ދެކޭ ޤައުމުތަކުގެ މީހުންނާއެކު ބައެއް ފިލްމީ ތަރިންނާ ކްރިކެޓް ކުޅޭ މަޝްހޫރު ފަރާތްތަކުން ގުޅިގެން އުޅޭ މަންޒަރަކީ އަސްކަރިއްޔާ އޮފިސަރުންނަށް އެހާ އުފާވެރި މަންޒަރުތައް ނޫން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
ކަންގަނާ އަސްކަރީ މަތިންދާ ބޯޓު ދުއްވާ ޕައިލެޓެއްގެ ރޯލް ކުޅޭ ފިލްމު "ތެޖަސް" މިމަހުގެ 27 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާނެއެވެ. އާރްއެސްވީޕީ އިން ގެނެސްދޭ މި ފިލްމަކީ، މަޝްހޫރު ޑައިރެކްޓަރު ރޮނީ ސްކްރޫ ވާލާގެ އުފެއްދުމެކެވެ.