12 Oct 2023, 08:51
ބޮލީވުޑްގެ ޒުވާން ބަތަލާ މްރޫނާލް ތާކުރު މިވަގުތު ހުރީ ހުސްކޮށް ކަމަށާ އެހެން ނަމަވެސް ޙަޔާތުގެ ބައިވެރި އެއް ހޯދުމުގެ ވިސްނުން އަދި ނެތް ކަމަށް ބަތަލާ ބުނެފިއެވެ.
އިންޑިއާގެ މީޑީއާއަށް ދިން އިންޓަވިއު އެއްގައި އުމުރުން 31 އަހަރުގެ މްރޫނާލް ބުނީ މި ވަގުތު އޭނާގެ ހުރިހާ ސަމާލު ކަމެއްވެސް ހުރީ ކުރިޔަށް ހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ކަމަށެވެ.
މްރޫނާލް ހުސްކޮށް ހުންނާތީ އެކަމާ އާއިލާއިން ކަންބޮޑުވާ ކަމަށް ބުނަމުން ބަތަލާ ބުނީ ކައިވެނީގެ ޕްރެޝަރު އާއިލާއިން ވަރަށް ކުރާ ކަމަށާއި ނަމަވެސް މްރޫނާލްގެ ހިތް އެދޭ ކަހަލަ ބައިވެރި އަކާ އަދި ބައްދަލު ނުވާކަމަށެވެ.
އެކަމަށް އެއްވެސް މަސައްކަތެއް ވެސް ނުކުރާ ކަމަށާއި ނަމަވެސް މްރޫނާލް ބޭނުން ވަނީ ކެނެޑާއަށް ނިސްބަތްވާ އެކްޓަރު އަދި މިއުޒީޝަން ކިއާނޫ ރީވްޒްއާ ބައްދަލުކުރުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ހޮލީވުޑް އެކްޓާ ކިއާނޫ ރީވްޒް ހޯދުމަށް އޭނާ ވަރަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް މްރޫނާލް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
ޒީ ޓީވީ އިން ދައްކަމުން އަންނަ "ކުންދަލީ ބާގިޔާ"އިން ޓެލެވިޒަން ދުނިޔެއަށް ނުކުތް މްރޫނާލް ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ 2018ވަނަ އަހަރު "ލަވް ސޯނިއާ" ކިޔާ ފިލްމަކުންނެވެ. މި ފިލްމުން މްރޫނާލް އަށް ވަނީ ލަންޑަން އިންޑިއަން ފިލްމު ފެސްޓިވަލުގެ 'ބެސްޓް ނިވްކަމާ'ގެ އެވޯޑު ވެސް ލިބިފައެވެ.
މްރޫނާލްގެ މަގުބޫލު ފިލްމު ތަކުގެ ތެރޭ "ސުޕަ 30"، "ތޫފާން"،"ޖާސީ"، ސީތާ ރަމަމް" އަދި "ގުމްރާހް" ހިމެނެއެވެ. މި އަހަރު އެކަނިވެސް މްރޫނާލް އަންނަނީ ހަތަރު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެންމެ އަވަހަށް ރިލީޒް ކުރުމަށް ނިންމާފައި ވަނީ ހެއްވާ މަޖާ ފިލްމު "އާންކް މިޗޮލީ"އެވެ.