12 Oct 2023, 09:12
ޑާކްރެއިން އެންޓަޓެއިންމެންޓުން ޓީޒް ކުރަމުން އަންނަ ބިރުވެރި ފިލްމު "ބަޅިނދު"ގެ ޝޫޓިން އެންމެފަހުން ނިންމާލައިފިއެވެ.
ޑާކްރެއިން އިން ބަޅިނދުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ފިލްމާ ގުޅޭގޮތުން ވަރުގަދަ ޓީޒާތަކާއި ފޮޓޯތައް އާންމުކުރަމުން ދިޔަ އިރު އާންމުންގެ ސަމާލުކަން ފިލްމަށް އޮތް މިންވަރު ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް ކޮވިޑުގެ ތެރޭގައި ފިލްމުގެ މަސައްކަތްތައް ހުއްޓުނެވެ.
މިހާރު އެންމެ ފަހުން މިއޮތީ ފިލްމު އާންމުންނާ ހަމައަށް އައުމާ ގާތް ވެފައެވެ. ޑާކްރެއިން އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމާލެވިފައެވެ.
ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު މި ފިލްމު އަންނަ އަހަރަަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑާކްރެއިންއިން ދާދިފަހުން ވަނީ އާންމުކޮށްފައެވެ.
ނަމަވެސް ފިލްމު ނެރޭނެ ސީދާ ދުވަހެއް އަދި ޑާކްރެއިން އިން ހާމަކޮށްފައެއް ނުވެއެވެ.
ބަޅިނދުގެ ތަރިންނަކީ އަލީ އާޒިމް (ދޮން އައްޔަ)، އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. އެ ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.
ޝިނާން އަކީ ބިރުވެރި ފިލްމު ނެރެވޭނެ މީހެއްކަން ވަނީ ކުރީން ވެސް ސާބިތު ކޮށްދީފައެވެ. އެގޮތުން މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ބިރުވެރި ފިލްމު "4426" އަކީ ޝިނާން އާއި ފާތިމަތު ނަހުލާ ގުޅިގެން އުފައްދާފައިވާ ވަރުގަދަ ފިލްމެކެވެ.