11 Oct 2023, 22:02
ކޭޕާކް ޕްރޮޖެކްޓުގެ ތެރެއިން އެޕާޓްމަންޓް ލިބެން ޖެހޭ ހުރިހާ ފަރާތްތަކަށް އެ ހައްގު ކަށަވަރުކޮށްދޭނެކަމުުގެ ޔަގީންކަން ކޭޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރާ ހަސަން މަމްދޫހު (މަންޑޭ)ގެ ވަކީލުން މިއަދު ބުނެފިއެވެ.
އެ ކަން ހިނގައިދިޔަގޮތް ހަސަން މަމްދޫހު (މަންޑޭ)ގެ ފަރާތުން ހިއްސާކުރައްވަމުން އޭނާގެ ވަކީލުންގެ ފަރާތުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަކީލުންގެ ފަރާތުން ވަކީލް އަލީ ޝާހު ވިދާޅުވިީ އާބަންކޯއަށް ކޭޕާކްގެ މުއާމަލާތް ހިނގައިދިޔަ ގޮތް އެނގޭނެ ކަމަށެވެ. އެއީ، ހަންބޯ ޓެކް ކިޔާ ކުންފުންޏަކާއި އެޗްޑީސީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކޭޕާކު ރެސިޑެންސްގެ ނަމުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށް ވަކީލް ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މި ޕްރޮޖެކްޓުގައި ހަންބޯ ޓެކް ކުންފުނިން ހަމަޖައްސައިފައިވަނީ ކިމް ކިޔާ ޗައިނާ މީހެއް ކަމަަށެވެ.
ވަކީލުން ބުނީ ހަންބޯ މޯލްޑިވްސްގައި ތިބޭނީ މަންޑޭއާއި ކިމްއާ އެކިނި ކަމަށެވެ. ނަމަވެސް މަންޑޭއަށް އެނގުމަކާ ނުލައި ކިމް އަމިއްލައަށް ބޯޑު މީޓިން ބާއްވައި ކުންފުންޏަށް ހިއްސާދާރެއްގެ ގޮތުގައި އިތުރު ޗައިނާ މީހެއް ހިމެނީކަމަށް ބުންޏެވެ.
މިއީ ހަންބޯ މޯލްޑިވްސްއާއި އެއިރުގެ އެޗްޑީސީން ގުޅިގެން ކުރި ކަމެއް ކަމަށް ވަކީލުން ވަނީ ތުހުމަތު ކޮށްފައެވެ. މުޅި މި ކަމަކީ ބޮޑު އޮޅުވައިލުމެއްގެ ތެރެއިން މަންޑޭއަށް އެނގުމަކާނުލައި ކުރި ކަމެެއްކަމަށް ވަކީލުން ބުނެއެވެ.
ހަމައެއާ އެކު މި މައްސަލައިގައި ފުލުހުން ވެސް ވަކި އަތަކަށް ބުރަވެ މައްސަލަ ތަހުގީގުކުރާކަމުގެ ތުހުމަތު ވަކީލުން ކުރެއެވެ. އެގޮތުން މަންޑޭގެ ބަޔާން ނަގައި ސޮއި ނުކުރުވައި ދެ މަސް ދުވަސް ލަސްކުރިކަން ފާހަގަކުރިއެވެ.
އެއާއެކު މަންޑޭގެ ވަކީލުން ބުނީ ވަރަށް އަވަހަށް ކޭޕާކްގެ ފްލެޓް ލިބެންޖެހޭ މީހުންނާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި، އެ މީހުންނަށް އެ ހައްގު ހޯދައިދިނުމަށް ޓަކައި ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް ވެސް ބުންޏެވެ.
އެ ކަމަށް ޓަކައި ސިވިލް ކޯޓަށް ވެސް މައްސަލަތަކެއް މަންޑޭގެ ފަރާތުން ހުށަހަޅައިފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.
"މާތް ﷲގެ ތަނަވަސް ރަހުމަތާ އެކީގައި ކޭޕާކުގެ ހައްގުވެރިންނަށް އެ ފަރާތްތަކުގެ ހައްގު ލިބުމަކީ އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް. އިރާދަކުރެއްވިއްޔާ އެ ހައްގު ލިއްބައިދީފައި ނޫނީ އަޅުގަނޑުމެން ގެއަކަށް ނުވަންނާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ކަން ހަމަޖައްސައިދޭނަން،" ވަކީލް ޝާހު ވިދާޅުވިއެވެ.
ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން މަމްދޫހު ޖުލައި މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކޮށްފައިވެއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، މި މަހުގެ 20ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އިތުރު 10 ދުވަހަށް މަންޑޭ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ޝަރުތުތަކަކާ އެކު ޖުލައި 30ވަނަ ދުވަހު މަންޑޭ ދޫކޮށްލިއިރު ޕީޖީން ނިންމީ އެ ނިންމުން އިސްތިއުނާފު ނުކުރާށެވެ.
މި މައްސަލައިގައި ޝާމިލުވާ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެއެވެ.