11 Oct 2023, 17:57
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ މީޑިއާތަކުން ގުޅިގެން ހާއްސަ ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހުގައި އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ ވިދާޅުވީ، އެ ޖަމިއްޔާއިން އަބަދު ވެސް ފަލަސްތީނަށް ހާއްސަ އަހައްމިއްޔަތު ކަމެއްދޭ ކަމަށާއި އެ ގައުމަކީ ދިވެހީންނަށް ވަރަށް ހާއްސަ ތަނެއް ކަމަށެވެ.
އެގޮތުން، އެ ގައުމަށް އެހީވާން މީޑިއާތަކުގެ އިސްނެގުމުގެ މަތިން ބާއްވާ ޓެލެތޯން ފަށާނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުން ފެށިގެން މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ޓެލެތޯން ދިގުދެމިގެންދާނެއެވެ.
އައިއޭސީގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ، މި ހަފުތާއަށް ވަރަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ.
އެގޮތުން، ހުކުރު ދުވަހުގެ 11 ޖަހާއިރު، މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ވަނީ ނިންމައިފައެވެ. އަދި، ނާއިފް ވަނީ މާލޭ ސަރަހަައްދުގެ އިތުރުން ވެސް، މުޅި ރާއްޖޭގައި އެ ހަރަކާތް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފައެވެ.

އައިއޭސީން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ކުރިއަށް ގެންދާ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އައިއޭސީ
ކުރިއަށް ހުރި ހަފުތާއަށް ރޭވިފައި ހުރި ކަންކަން:
ހުކުރު ދުވަހު މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުން
- ހުކުރު ދުވަހު ކަނބަލުންގެ އެއްވުން، އާޓިފިޝަލް ބީޗު ސަރަހައްދުގައި
- ހުކުރު ދުވަހު ކާރު ސައިކަލު އެސޯސިއޭޝަންތަކުން ބާއްވާ އިވެންޓެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި
- ހޮނިހިރު ދުވަހުގެ ރޭ ހިމޭން އިހްތިޖާޖެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި
ނާއިފް ވިދާޅުވީ، މި ހުރިހާ ހަރަކާތެއްގެ ތެރެއިން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ މީހުން، ވީހާ ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ ގައުމުގެ ރައްޔިތުންނަށް އެހީވާން އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
"[އެނގޭ] ލޭ ކެކިފައިކަން ތިބޭނީ ވެސް އެކަމަކު ވެސް، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އިލްތިމާސް ކުރަން އަހްލާގީ މިންގަނޑު ހުރިހާ އެންމެން ވެސް ހިފަހައްޓައްޗޭ. ހުރިހާ އަޑުއުފުލުންތަކަށް ކުޑަކުދިން ވެސް ނުކުންނާނޭ. ބޭނުންހާ އެއްޗެއް ގޮވާ، ތަންތަނަށް ގެއްލުންދީ، މީހުންނަށް ގެއްލުންދީ މިކަހަލަ އެއްވެސް އަމަލެއް، އެއްވެސް ގޮތަކަށް ނުކުރައްޗޭ،" ނާއިފް ވިދާޅުވިއެވެ.
މި މަހުގެ ހަތްވަނަ ދުވަހުގެ ހަމަލާތައް ބަދަލުކުރަން ފެށިފަހުން އައިއޭސީން ވަނީ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި، މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް 1،000 ފުޑް ޕެކޭޖު ބެހުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.