ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހިނގަމުން އަންނަ މަޝްރޫތައް މަޑުޖައްސައިދިނުމަށް އެދި އެއްވެސް އިރަކު އެދިވަޑައިގެންފައިނުވާނެކަމުގެ ޔަގީންކަން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރެއްވީ ބައެއް ރަށްރަށުގައި ހިންގަމުން އަންނަ ޕްރޮޖެކްޓައް މަޑުޖައްސަައި މެޝިނަރީ ބާލުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

އެ ކަމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ފަދަ އެއްވެސް އެންގުމެއް އަންގައިފައިނުވާ ކަމަށެވެ. އަދި، ރައްޔިތުންނަށް އެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އެ މަސައްކަތް ހުއްޓަނީ އެ މަނިކުފާނު އަންގަވައިގެން ކަމަށް ބުނެ ފަތުރަނީ ވެސް ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓައިލާ މެޝިނަރީތައް ބާލަމުންދާ ކަމާއި، އެ ކަން ކުރަނީ އަޅުގަނޑު އަންގައިގެންކަމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކާ ގުޅިގެން ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ދަންނަވައިލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވިއިރު އެ މަނިކުފާނުގެ ތަރުޖަމާނު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އެކަމުގައި ފެތުރެމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވައިފައެވެ.

މިއީ އިންތިގާލީ މަރުހަލާ ނަމަވެސް، މި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ މަސައްކަތާއި މިހާރު ފެށުމުގެ މަރުހަލާގައި ހުރި ކަންކަން ނުކުރުމަށް އިންތިޚާބީ ރައީސަށް އެދިވަޑައިގެންނެވިދާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެ ކަމަށް ބާރުދެއްވައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވެސް ވަނީ ވާހަކަދައްކަވައިފައެވެ.

ޑރ. މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައި ނުކުރުމަށް އެދި ސަރުކާރުގައި އެދިވަޑައިގަތް ހަތް ކަންތަކުގެ ތެރޭގައި ވެސް މިހާރު ހިނގަމުން އަންނަ މަޝްރޫތައް ހުއްޓައިލުމެއް ނެތެވެ. އޭގައި އެދިވަޑައިގެންފައިވަނީ އާ މަޝްރޫއެއް ފެށުން މަޑުޖައްސައިލުމަށެވެ.

އެ ހަތް ކަންތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައިވެއެވެ.