11 Oct 2023, 15:51
ސިނަމާލެ ބްރިޖުން ގަވާއިދާ ޚިލާފަށް ދުއްވާ ނަމަ އުޅަނދުގެ ވެރި ފަރާތަށް މެސެޖު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ބަޔާނެއްގައި ވަނީ، ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ޚިލާފަށް ލޭނު ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދެއްގެ ވެރި ފަރާތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށެވެ.
އެގޮތުން، ހުއްދަކުރެވިފައިވާ މިންގަނޑަށް ވުރެ ބާރަށް ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތައް ދުއްވި ބާރުމިން އެނގޭގޮތަށް، އެ އުޅަނދުތައް ރެޖިސްޓާ ކޮށްފައިވާ ފޯނު ނަންބަރަށް މެސެޖެއް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އުޅަނދު ދުއްވި ބާރުމިނާއި، ލޭނު ބަދަލުކުރިކަން ދެނެގަންނަނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑު ބަލާ ކެމެރާތައް މެދުވެރިކޮށް ކަމަށެވެ. އެ މެސެޖުތަކުގައި އެއްވެސް ބާވަތެއްގެ ލިންކެއް ނުހިމެނޭނެކަން ފުލުހުން ފާހަގަކުރިއެވެ.
ބްރިޖު މަތީގައާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެފަދަ އެކްސިޑެންޓުތައް ހިނގާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވުމުން އުޅަނދު ކޮންޓްރޯލް ނުކުރެވުމާއި އެހެން އުޅަނދެއް އޯވަޓޭކް ކުރަން އުޅުން ހިމެނެއެވެ.
މިދިޔަ ހުކުރު ދުވަހު ހައިވޭގައި ކާރުތަކެއް ޖެހި، ގިނަ އިރު ވަންދެން ޓްރެފިކް ހުއްޓުމަކަށް އައެވެ. ފުލުހުން ވަނީ އެފަދަ ހާލަތްތަކުގައި ޓްރެފިކް ބްލޮކްވުން ހުއްޓުވުމަށް އަމަލު ކުރެވިދާނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް މީގެކުރިން ބުނެފައެވެ.