ފަށައިގަންނަންވީ ކިހާހިސާބަކުން ކީކޭކިޔާފައި ހެއްޔެވެ. ކާކުކުރި ކޮންކަމަކުން ކިހިނެއްވީއޭ ބުނެފައި ހެއްޔެވެ. ނުވާކަމެއްނެތެވެ. ބުނެފައި ނުބުނާނެ ވާހަކައެއްވެސް ނެތޭކިޔަން މިއޮތީ މަޖުބޫރުވެފައެވެ. އަހަރެމެން އެތަކެއް އަހަރުއްސުރެ އުޅެމުންއައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމާއި އުފާވެރިކަން މިއަދުމިއޮތީ މުޅިންނެތި އަރާރުމާ ހަސަދަވެރިކަމާއި ތަޅާފޮޅުމުގެ ތެރެއަށް ފިސާރިރަނގަޅަށް ގެނބި އަލުން ބޯވެސް ހިއްލާނުލެވޭވަރަށް ހަފުސްވެފައޭ ބުނެލަން ޖެހިފައެވެ.

ކީއްވެގެންތޯ ބަލައިލަން ވިސްނާލާ ފިކުރުހިންގައިލުމުން މިހެންވެގެންނޭ ބުނެ އިނގިލިދިއްކޮށްލާކަށް ޖެހިލުންވާނެ ތަނެއްއޮތެކޭ ނުބުނާނަމެވެ. އެއްވެސްކަމަކީ ހަމައެކަނި އެއްކަމެއްގެ މައްޗަށް ބިނާވެފައިއޮންނަ ކަމަކަށްނުވާތީ މިކަމުގައިވެސް އަރިއަރިމަތީގައި ތަފާތު އިތުރުކަންތައްތައް ނެތިއެއްނުދެއެވެ. އެހެންކަމާއެކު ކުއްލިއަކަށްހެން މިއައި ހިތްދަތިކުރުވަނިވި މުސީބަތުގައިވެސް އެތަކެއް ބައިވަރު ސަބަބުތައް އެބަހުރި ކަންގަބޫލުކޮށް އެއްބަސްވާން ޖެހެއެވެ.

ވެގެންމިއުޅެނީ ކޮންފަދަ ބޮޑުކަމެއްބާވައެވެ. ތަލިންކުޅުހިކި ގައިންވަރުދޫވެ އަރުތެރެބެދެން ދީމާވެގެން މިއުޅެނީ ކީއްކީއްވެގެން ހެއްޔެވެ. ޖަވާބު ނޭނގޭ ހަމައެކަކުވެސް މިއަދުގެ މިދިވެހިރާއްޖޭގައި ހަމަހޭހުރެގެން އުޅެނެއެކޭ ނުބުނާނަމެވެ. އާނއެކެވެ. އަހަރެމެން ދިވެހިންގެ ތެރެއަށް އަހަރެމެންނާއި އެކަށީގެންނުވާ ތަފާތު ގޮތެއް ގަދަކަމުން ގެނެސް ވެއްދުނީއެވެ. ބުނަންބޭނުމީ ވެއްދީއޭ ކަމުގައިވިއަސް މިވަރުގެ ކަމެއް ހަމައެކަކު ވެސް އެމީހާގެ ފުރިހަމަ އަމިއްލަބާރުގައި އެނގިގެން ކުރާނެކަމުގައި ގަބޫލުކުރަން ދަތީއެވެ. އަމިއްލަ ތިމާގެ އާއިލާއާއި ގާތްރައްޓެހި އެކުވެރިންނާއި އަދިހަމަ ތިމާއަށްވެސް ގެއްލުމާހަލާކުލިބޭނެ ކަމެއް ހޭބުއްދި ރަނގަޅު ހަމައެކަކުވެސް ނުކުރާނެ ކަމުގައި ވިސްނެނީއެވެ.

ތަފުސީލަކަށް ދާނަމަ މިފަހަކުން އަހަރެމެންގެ ތެރެއަށް " ބޭރުންގެނެސް ރޭރުވެގެން " މިއުޅެވޭ މަޝްހޫރު ގިނަބައިތައް ހިމަނާ ދިމިކުރަތީ އަކީ މިހުރިހާ މައްސަލަތަކާއި ހަމަނުޖެހުންތަކުގެ މައިގަނޑު ސަބަބެވެ. ވެރިކަމުގައި ހަރުދަނާކަމެއް ނުގެންގުޅެވޭ މިނިޒާމަކީ އިސްލާމީ ހަމަތަކާއި އުސޫލުތަކަށްފެތި ގަބޫލުކުރެވޭ ހަމަތަކަކަށް ވެސް ނުވެއެވެ. ފުށުއަރާ އެތައްއެތައް ސިފަތަކެއް މިއުސޫލުގައި އެކުލަވާފައިވާ ކަމުގައި ދީނީ އެދުރުންގެ ގިނަބަޔަކު ޔަގީންކަން ދެމުންގެންދެއެވެ. ކޮންމެއަކަސް ވީގޮތެއްވެ މިއަދުމިއޮތީ އަހަރެމެންގެ ތެރޭގައިވެސް އޮންނަންވީ އެއުސޫލުކަމުގައި ބަލައިގަނެވި އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ ހަމަޖެހުމާއި އަމަންއަމާންކަން ގެއްލިފައޭ ބުނެލެވޭ ހިސާބަށް އޭގެ ނުރަނގަޅު އަސަރުކޮށްފައެވެ.

މިނިވަންކަމުގެ ހުވަފެނީ ތޮށްޓެއްގެތެރޭގައި ތައްޔާރުކޮށް ދުނިޔެއަށް ބަޔަކުނެރުނު މިނިޒާމަކީ އިންސާނީސިކުނޑިތަކާ ކުޅެ އޭގެ ޖާދޫގައި ޖައްސާ ކުރަންބޭނުންނުވާ އެތައްކަންތައްތަކެއް މި އިންސާނާ ލައްވާކުރުވަމުންގެންދާ ވަރަށް ނުރައްކާތެރި އެއްޗެކެވެ. މިސާލެއްގެ ގޮތުން އަހަރެމެންގެ ތެރޭގައި މިހާރު ކަންކަން ވަމުން މިދާ ގޮތާމެދު ފިކުރުކޮށްލަމާ ހިނގާށެވެ. ހަގީގަތުގައި ހަމައެއްމެ ދިވެއްސަކުވެސް މިއިން އެއްވެސް ގެއްލުމެއް ލިބިގަންނާކަށް ނުވަތަ އުފުލާކަށް ނޭދެއެވެ. ކޮންމެ މީހަކުވެސް ބޭނުމީ ރަނގަޅުވުމެވެ. އެމީހާއަށާއި ގައުމަށް ފައިދާވުމެވެ. މިކަމުގައި ހުރިހާ ޕާޓީތަކެއްވެސް އެއްގޮތެވެ. އެތާނގައިތިބެގެން ހަޅޭއް ލަވައި އަޑުގަދަކޮށް ހައިޖާނުއުފައްދަނީވެސް ރަނގަޅު އެދިގެންނެވެ. މިތާތިބެގެން އެއްޗެތިއުކާ އަޑުއަޑުލައްވާ ފާޑުފާޑުގެ ލަވަތައްކިޔާ ތެޅިފޮޅެނީވެސް ހަމަ އެއްބޭނުމެއްގައެވެ. އަމިއްލަ ތިމާއަށާއި އާއިލާއާއި ގާތްރައްޓެހި އެކުވެރިންނަށާއި ގައުމަށް ހިތުގެ އަޑިން ހެޔޮއެދިގެންނެވެ. އިއްވާ އަޑުތަކާ ގޮވާ ގޮވެލިތަކާއޮ ޖައްސާ ވައްތަރުތަކުގައި ތަފާތު ހުއްޓަސް ހަގީގީ ބޭނުމަކީ ހަމަ އެކައްޗެކެވެ. އެ ސީދީގެ ޕާޓީއާއި މި މަނިކުގެ ޕާޓީގައިވެސް އޮތީ މައިގަނޑު އެއްވިސްނުމެކެވެ. ތަފާތުކުރުވަނީ ކުރިންބުނި ހުވަފެނީތޮށީގައި އޮވެގެން އިންސާނީ ސިކުނޑިތަކަށް ބާރުފޯރުވާ މި ނުރައްކާތެރި ނިޒާމެވެ. ގިނަބައިތައް ހިމަނާ ދިމިކުރަތީ އެވެ. މުޅިދުނިޔޭގައި ފަސާދައުފައްދައި ހަމަޖެހުންނަގާލައި ވަކިންބޮޑަށް އިސްލާމީގައުމުތަކުގެ ދުވަސްދުއްވާލުމުގައި މިނުރައްކާތެރި ހަތިޔާރު ވަރަށްގިނަ ކާމިޔާބުތަކެއް ހޯދައިވެސްފިއެވެ.

އިންސާނާ އިންސާނަކަށްވާއިރު އޭނާގައި އަމިއްލައެދުމާއި މަވެތިވެގަތުމާއި ކުރިއަރައިދިއުމުގެ ގޮތް ހުންނަނީ އެތެރޭބަތާނައިގާ ހަރުލާފައެވެ. މި ނިޒާމުން އިންސާނާގެ މައްޗަށް ވެރިވެގަންނަނީ މިބުނި ސިފަ ތަކުގެ ތެރެއަށް ޖެހިލައި ހުވަފެންދައްކައިގެންނެވެ. މިނިވަންކަމުގެ އަވައިގައި ހިތްއަނބުރުވާ ލައިގެންނެވެ. ނަތީޖާއަކަށް ވެގެންދަނީ އެގޮތާއި އެއުސޫލުތައް ގަބޫލުކުރެވި އެގޮތުގައި އެފަރާތަށް އެނބުރެވި އެކަމުގައި ހައްޔަރުވެވުމެވެ. ވަށައިގެން ފެންނަ އެހެން ހުރިހާތަކެއްޗަކަށާއި ހެކިތަކަށް ފުރަގަސްދެވި ފިސާރިގަދައަށް އެނިޒާމުގެ ހުވަފެނީ ފޯރިއާއި ރަނގަޅުތަކުގައި ހައްޔަރުވެވުމެވެ. އަމިއްލަބާރުން ބޭރުވެވި ސިކުނޑި ދޮވެވި މި ނުރައްކާތެރި ގިނަބައިތައްހިމަނާ ދިމިކުރަތީ ގެ ފަސްބައިގައި އެލިގަނެވުމެވެ. މިހިސާބަށް ކަންތައްދާއިރު އާއިލާ އާއި ގާތްރައްޓެހިން އެކުވެރިންވެސް ނުފެނި ނޭނގި އަނބި ދަރިންނާއި ފިރިން އެއްބަނޑުއެއްބަފާ މީހުންވެސް އެނިޒާމަށްޓަކައި ގުރުބާން ކޮށްލަން ޖެހިލުމެއްނުވެވެއެވެ. މިއީ އަހަރެމެންގެ މިރާއްޖޭގައި އެކަނި ފެނިސާބިތުވާ ކަންކަމެއް ނޫނެވެ. މިއަދުގެ ދުނިޔޭގައި އެތައްއެތައް ގައުމެއް މިނިޒާމުގައި ހަމަމިގޮތަށް ހަލާކުވެ ފުނޑުފުނޑު ވެގެން އެތިބަދަނީއެވެ. އެނގިއެނގި ތިބެގެން އަހަރެމެންވެސް މިތިބަގެން އޭގެ ވަކިތަކުގައި ހައްޔަރުވެ ނިމެނީއެވެ. މިހެންނުވާން ހުރިހާ ބައިތަކެއްގެ މީހުންވެސް ބޭނުމެވެ. އެކަމަކު މިގޮތުގައި ތާށިވެ ފިތިބާރުވެ ހަމަނޭވާ ނުލެވިފައި ކޮށިއަރައަރާ އަހަރެމެން ހަމަމިތިބީއެވެ.

ހަދާނެގޮތެއް ނެތިގެނެއް ނޫނެވެ. ކަމުގެ ބުރަކަމާއި ނުރައްކާތެރިކަން ހީކޮށްލާފައި ކުރެވޭހިސާބުގައި ތިބި ކުރަންވީ މީހުން ކަމުންރެކެނީއޭ ބުނެލަން ކެރެއެވެ. ހެދޭނެގޮތްތައް އެބަހުއްޓެވެ. ކުރެވޭނެކަންކަން ބައިވަރެވެ. އެކަމަކު ކަން ކަމަކަށްވާނީ ކުރީމައެވެ.