މާލޭގައި ހުރި އިމާރާތެއްގެ ބައެއް ރޭ ވެއްޓުނީ އެތަނަކީ ދިރިއުޅެން ރައްކާތެރިތަނެއް ނޫން ކަމާއި އެތަން ހުސްކުރަން މާލެ ސިޓީ ކައުންސިލުން އަންގާފައިވަނިކޮށް ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

ފަރީދީ މަގުގައި ހުންނަ މ. ސުންބުލާގޭގެ އިމާރާތުން ބައެއް ވެއްޓި މި ހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ. މި އިމާރާތުން ބައެއް ވެއްޓުނީ އެ އިމާރާތާ ޖެހިގެން އޮންނަ ގޯޅިގަނޑުގެ ތެރެއަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން 'ސަން' އަށް މައުލުމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވީ އެ އިމާރާތް ހަލާކުވެ ވެއްޓެން ކައިރިވެފައި ހުރުމުން އެ ޝަކުވާ ސިޓީ ކައުންސިލަށް ލިބުނު ކަމަށެވެ. އަދި އެ ޝަކުވާތައް ލިބުމާ ގުޅިގެން ސިޓީ ކައުންސިލުން އެ އިމާރާތް ބަލައި އެ އިމާރާތަކީ މީހުން ދިރިއުޅެން ރައްކާތެރިނޫން ތަނެއް ކަމަށް ކަނޑައަޅައި އެތަން ހުސްކުރަން އިމާރާތުގެ ވެރިފަރާތަށް އެންގި ކަމަށެވެ.

ފަރީދީ މަގުގައި ހުންނަ މ. ސުންބުލާގޭގެ އިމާރާތުން ބައެއް ވެއްޓިފައި--

މީގެ އިތުރަށް ޝިއުނާ ވިދާޅުވީ އިމާރާތުގެ ވެރިފަރާތުން ކައުންސިލްގައި އެތަން ތަޅާލުމަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެތަނުގައި މީހުން ދިރިއުޅޭތީ ސިޓީ ކައުންސިލަށް އެތަން ތަޅާނުލެވުނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލުން އެތަން ތަޅާލާނަމަ ތަޅާލެވޭނީވެސް ޕްލޭނިން މިނިސްޓްރީން އެކަމަށް ހުއްދަ ދިނުމުން ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

އެހެން ކަމުން ގޭގެ ވެރިފަރާތުން އެކަމަށް އެއްބާރުލުން ނުދިނުމުން އެ އިމާރާތް ތަޅާ ނުލެވުނީ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

މި އިމާރާތް ނޫނަސް އަދިވެސް މާލޭގައި ހުރި މިފަދަ ދިރިއުޅެން ރައްކާތެރި ނޫން އިމާރާތްތަކެއްގެ މައްސަލަ ސިޓީ ކައުންސިލަށް ލިބިފައިވުމުން އެތަންތަން ވެސް ހުސް ކުރުމަށް މިހާރު އެ އިމާރާތްތަކުގެ ވެރި ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.