އިއްތިޙާދީ ދައުލަތެއްގެ ގޮތުގައި ސައޫދީ އަރަބިޔާ އާއި ބަޙްރައިން އެއްކޮށްލުމަށް އެ ދެ ޤައުމުގެ ވެރިން ނިންމަވާފައިވާ ކަމަށާއި މިއަދު ރިޔާޟްގައި ފެށޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ)ގެ އިސްވެރިންގެ މަޝްވަރާ ސަމިޓްގައި މިއިއްތިޙާދު ޤާއިމްކުރިކަން އިޢްލާން ކުރުމަށް ހަމަޖެހިފައިވާ ކަމުގެ ޚަބަރު މިހާރުވަނީ ފެތުރިފައެވެ. މިއަދު ރިޔާޟްގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަލްފުގެ ޢަރަބި ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި މިކަން އިޢްލާންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

މިކަމާބެހޭގޮތުން ބަޙްރައިންގެ އިންފޮމޭޝަނާބެހޭ ވަޒީރާ ސަމީރާ ރަޖަބް ވިދާޅުވީ އިއްތިޙާދީ ދައުލަތެއްގެ ގޮތުގައި ސައޫދީ އަރަބިޔާއާއި ބަޙްރައިން އެއްކޮށްލުމަށް ދެޤައުމުގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. ދެޤައުމު އިއްތިޙާދީ ދައުލަތެއްގެ ގޮތުގައި އެއްކޮށްލުމަށް ނިންމާފައިވަނީ ޢަސްކަރީ، ސަލާމަތީ، ޚާރިޖީ ސިޔާސަތާއި އިޤްތިސާދީ ދާއިރާތަކުގައި ނިންމާ ނިންމުންތަކުގައި ކަމަށާއި ނަމަވެސް ދާޚިލީ ހިންގުމުގައި ކޮންމެ ޤައުމަކުން ގެންގުޅޭނީ އެޤައުމަކަށް ޚާއްސަ ވަކިސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތުގައި ދެޤައުމު ނިންމާ ނިންމުންތަކާއި ގެންގުޅޭ ސިޔާސަތުތައް އެއްކޮށްލިނަމަވެސް ކޮންމެ ޤައުމެއްވެސްއދ. ގައި އޮންނާނީ ވަކިދައުލަތެއްގެ ގޮތުގައި ކަމަށް ސަމީރާ ވިދާޅުވިއެވެ. ވަކިދާއިރާތަކެއްގައި ސައޫދީ އަރބިޔާއާއި ބަޙްރައިން އެއްކޮށްލުމަށް އެދެޤައުމުގެ ވިރާޘީ ރަސްކަމުގެ ނިޒާމުތަކުން ނިންމާފައިވަނީ ރައްޔިތުންގެ ޚިޔާލާ ނުލައެވެ.

ވިރާޘީ ރަސްކަން އޮންނަ މިދެޤައުމު އިއްތިޙާދުވުމަށް ނިންމާފައިވަނީ އެދެޤައުމުގައި ވެރިކަންކުރާ ރަސްކަމުގެ ނިޒާމުތައް ޙިމާޔަތްކުރުމުގެ މަޤްސަދްގައިކަމަށް ބަޙްރައިންގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ބަޙްރައިންގެ ޝޫރާ މަޖިލިސްގެ ރައީސް ޖަމާލް ފަޚްރޫ ވިދާޅުވިގޮތުގައި އިއްތިޙާދީ ދައުލަތެއްގެ ގޮތުގައި ސައޫދީ އަރަބިޔާއާއި ބަޙްރައިން އެއްކޮށްލުމަކީ ހަޤީޤަތަށްބަލާއިރު ކުއްލިއަކަށް ކުރެވެންއޮތް ކަމެއްނޫނެވެ. ދެޤައުމުގެ ޢަސްކަރީ، ސަލާމަތީ، ޚާރިޖީ ސިޔާސަތާއި އިޤްތިސާދީ ދާއިރާތަކުގެ ސިޔާސަތުތައް އިއްތިޙާދީ ނުވަތަ ފެޑްރަލް ދައުލަތެއްގެ އުސޫލުން ދެޤައުމުން ގެންގުޅުމަކީ ޢަމަލީގޮތުން ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޙްރައިންއާއި ސައޫދީ އަރަބިޔާ އިއްތިޙާދު ވުމަށް ދެޤައުމުން ނިންމާފައިމިވަނީ ޢަރަބި ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމްތަކާދެކޮޅަށް އަރަބި ބައެއްޤައުމުތަކުގެ ރައްޔިތުން މިދިޔައަހަރުގެ ކުރީކޮޅު އުތުރިއެރި އަރަންފެށިއިރު ބަޙްރައިންގެ ރައްޔިތުންވެސް އެޤައުމުގެ ރަސްކަމުގެ ނިޒާމާ ދެކޮޅަށް ތެދުވުމުގެ ސަބަބުން ބަޙްރައިންގެ ރަސްކަމުގެ ނިޒާމަށް ނުރައްކާވަމުންދާތީ ކަމަށް ބަޙްރައިންގެ އިދިކޮޅު ފާރާތްތަކުން ބުނެއެވެ.

މިދިޔަ އަހަރު ބަޙްރައިންގެ ރައްޔިތުން ޑިމޮކްރަސީއާއި އިސްލާޙަށް ގޮވާލައި ކުރަންފެށި މުޒާހަރާތަކާއި އިޙްތިޖާޖްތައް އެޤައުމުގެ ސަރުކާރުން ހުއްޓުވާފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. މިކަމަށްޓަކައި ބަޙްރައިން ސަރުކާރުގެ އެދުމުގެ މަތިން ސަޢޫދީ އަރަބިޔާއިންވެސްވަނީ ސަޢޫދީ ޢަސްކަރީ ބާރެއް ބަޙްރައިންއަށް ފޮނުވާފައެވެ. ނަމަވެސް އެއަށްފަހުވެސް އިސްލާޙަށް ގޮވާލައި ބަޙްރައިންގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތައްވަނީއަލުންފެށިފައެވެ.

ބަޙްރައިންގެ ވިރާޘީ ރަސްކަމުގެ ބަދަލުގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރުމަށް އެޤައުމުގެ ރައްޔިތުން ހިންގާ ހަރަކާތްތައް ބަޙްރެއިންގެ ސަރުކާރުން ސިފަކުރަނީ އީރާން އަޑީގައިއޮވެގެން ކުރުވާ ކަމެއްގެގޮތުގައެވެ. ސަޢޫދީ އަރަބިޔާ ކަންބޮޑުވަނީ ބަޙްރައިންގެ ރަސްކަމުގެ ނިޒާމު ރޫޅި އެޤައުމުގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރުމަށް މަގުފަހިވެއްޖެނަމަ ސަޢޫދީ ޢާއިލީ ރަސްކަމުގެ ނިޒާމަށްވެސް ނުރައްކާވެދާނެތީއެވެ.

ސައޫދީ އާއިލީ ރަސްކަމުގެ ނިޒާމާ އިދިކޮޅު ޑިމޮކްރެޓިކް ވިސްނުން ސައޫދީ ރައްޔިތުންގެ ތެރޭގައި ފެތުރިދާނެކަމުގެ ބިރު ސަޢޫދީ ޝާހީ އާއިލާ އިޙްސާސް ކުރަމުން ގެންދާކަމަށާ އެހެންކަމުން ބަޙްރައިން އާއެކު އިއްތިޙާދު ހެދުމަށް ސަޢޫދީ ސަރުކާރުން ނިންމީ ދެޤައުމުގެ ޢާއިލީ ރަސްކަމުގެ ނިޒާމް ޙިމާޔަތްކުރުމުގެ މަޤްސަދްގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (މީޑިޔާ ރިޕޯޓްތައް)