ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާ ގޮތް ބަދަލުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ދެކޮޅު ހައްދަވާ، ޝަރުއީ ދާއިރާ އޮތީ ވަރަށް ބޮޑަށް ސިޔާސީވެފައި ކަމަށް ޑިމޮކްރެޓްސްއިން ތުހުމަތުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، މިއަދު ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޖޭއެސްސީ އެކުލެވުން ބަދަލުކުރުމުގެ ބިލަށް ބަހުސްކުރެއްވި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެމްޑީޕީގެ މެންބަރުންނާ އަރައިރުމަކަށް ގޮސްފައެވެ.

އެ ބަހުސް ފެށުމާއެކު މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ވަނީ ޖޭއެސްސީ ސިޔާސީވާ މައިގަނޑު ސަބަބަކީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެ ކޮމިޝަނުގައި އިންނެވުމުން ކަމަށް ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް އެ ބިލުގެ މަސައްކަތް ނުހިނގާ އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ސަރުކާރުން ޖުޑިޝަރީއަަށް ނުފޫޒު ފޯރުވާ ވާހަކަ ދައްކަމުން، ރައްޔިތުންނަށް އޮޅުވައިލަމުންދާ ކަމަށެވެ.

އެއާއެކު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މާފަންނު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޖޭއެސްސީގެ އިސްލާހަށް ގެނައި އެ ބިލަކީ ސިޔާސީ ބޭފުޅުން އެކުލެވިގެންވާ ގޮތަށް ގެނައި އިސްލާހެއް ކަމަށާއި އެ ބިލު ފާސް ނުވާނެ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަނީ މި އިސްލާހަކީ ހަމަޖެހޭ އިސްލާހެއް ނޫން ކަމަށް،" އިމްތިޔާޒް ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ސަރުކާރުން އެ ބިލު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މިވަގުތު ރައީސް މުހައްމަދު ނަޝީދު ހުންނެވުމުން ކަމަށެވެ. އަދި ޖޭއެސްސީން އެމަނިކުފާނު ބޭރުކުމުގެ މަގުސަދުގައި ކަަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޖޭއެސްސީ އެކުލަވާލާގޮތް ބަދަލު ކުރަން ސަރުކާރުން ހުށަހެޅި އިސްލާހުގެ މަގުސަދަކީ އެ ކޮމިޝަނަށް އޮންނަ ސިޔާސީ ނުފޫޒު ކުޑަކުރުން ކަމަށެވެ.

ޑިމޮކްރެޓްސްގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ޖޭއެސްސީ އެކުލަވާލާގޮތް ބަދަލުކުރާ ބިލު ހުށަހަޅާފައި މިހާރު އޮތީ އެމްޑީޕީގެ މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް ނޫން ކަމަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ އަދަދަކީ ހަތެއް ކަމުގައި ކަނޑައެޅުމަށެވެ. އަދި އިސްލާހުގައި ވާގޮތުން ރައީސްގެ މެންބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭނެއެވެ.

ޖޭއެސްސީއަށް މެމްބަރުން ކަނޑައަޅާ ގޮތް ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. ދައުރު ހަމަވާން ދާއިރު އެކަން ނުވެ އޮތުމަކީ އިދިކޮޅުގެ ބޮޑު ކަންބޮޑުވުމެކެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއްގެ އިތުރުން، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.