11 Oct 2023, 13:11
ނިޔުޔޯކް (11 އޮކްޓޯބަރު 2023): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާ ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން އެމެރިކާ ކުރި މަސައްކަތް ނާކާމިޔާބުވުމުން އެމެރިކާ ރުޅިގަދަވެއްޖެއެވެ.
މިކަމާބެހޭގޮތުން ސަލާމަތީ މަޖިލީހުގައި ބޭއްވި ސިއްރު ބައްދަލުވުމަށް ފަހު އެމެރިކާގެ މަންދޫބު ރޮބަޓް ވުޑް ވިދާޅުވީ ހަމާސްގެ ހަމަލާ ކުށްވެރިކޮށް ގަރާރެއް ފާސްކުރުމަށް ބޭނުންވާ އެއްބާރުލުން ސަލާމަތީ މަޖިލީހުގެ ހުރިހާ ގައުމުތަކުން ނުލިބުނުކަމަށާއި މިއީ ލަދުވެތި އަދި ދެރަކަމެއްކަމުގައެވެ.
ހަމާސްއިން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ދިނީ ޓެރަރިސްޓް ހަމަލާއެއްކަމަށް ސިފަކުރައްވަމުން ރޮބަޓް ވުޑް ވިދާޅުވީ އެހަމަލާ ކުށްވެރިކުރުމުގައި ސަލާމަތީ މަޖިލިސް ނާކާމިޔާބު ވުމަކީ އދ. އަށް ލިބުނު ދެރައެއްކަމުގައެވެ. ހަމާސްގެ ހަމަލާ ކުށްވެރިކޮށް ބަޔާން ނެރުމަށް ސަލާމަތީ މަޖިލީހުގެ ގިނަ ގައުމުތަކުގެ އެއްބާރުލުން ލިބުނުކަމަށާއި ނަމަވެސް މަދުގައުމުތަކެއްގެ އެއްބާރުލުން ނުލިބިގެން އެކަންނުވީކަމަށް ވުޑް ވިދާޅުވިއެވެ.

އދ. ގެ ސަލާމަތީ މަޖިލިސް
ރޮބަޓް ވިދާޅުވި ގޮތުގައި ހަމާސްގެ ހަމަލާ ކުށްވެރިކުރުމަށް ދެކޮޅު ހެދި ގައުމުތަކުގެ ނަންތައް ނުބުނި ނަމަވެސް ދުނިޔެއަށް އެގައުމުތައް އެނގޭނެއެވެ. އެއީ ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތައް ކަމަށް އޭނާ ސިފަކުރެއްވިއެވެ. މިއީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދެބާރުކަމަށްވާ ރަޝިއާއާއި ޗައިނާއަށް އޭނާ ކުރެއްވި އިޝާރާތެއްކަމަށް ބެލެވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޗައިނާއާއި ރަޝިއާގެ އިތުރުން ސަލާމަތީ މަޖިލީހުގެ އާދައިގެ މެންބަރުންގެ ގޮތުގައި ހިމެނޭ އެނޫން ގައުމަކުންވެސް އެމެރިކާ އެދޭގޮތަށް ބަޔާންނެރުމަށް ދެކޮޅުހެދިއެވެ. ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތައް ކުށްވެރިކޮށް ބަޔާންނެރުމަށް އެމެރިކާއާއި ޔޫރަޕްގެ ކުރީގެ އިސްތިއުމާރީ ބާރުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ސަލާމަތީ މަޖިލީހުގެ ގައުމުތަކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރިއެވެ.
ނަމަވެސް މިތިން ގައުމުންވަނީ އެމެރިކާއަށް ގޮންޖަހައި އެކަމަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައެވެ. އެއްބާރުލުން ނުދިނީ އިސްރާއީލަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ގޮންޖަހައި ތަކުރާރުކޮށް ބައިނަލްއަގްވާމީ ގާނޫނާ ގަވައިދާ ޚިލާފަށް ފަލަސްތީނުގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާ ގައުމަކަށްވާތީއެވެ.
އދ. ގެ ގަރާރުތަކަށް ގޮންޖަހައި އެއަށް އަމަލުކުރުމަށް ދެކޮޅު ހަދާ ގައުމެއްގެ ހައްގުގައި ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަކީ ހަމަޖެހޭ ކަމެއްނޫންކަން ދޭހަވާފަދަ ގޮތަކަށް މިގައުމުތަކުގެ މަންދޫބުން ވާހަކަ ދެއްކެވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އިސްރާއީލު ކުށްވެރިކުރުމަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާ ކޮންމެ ގަރާރެއް އެމެރިކާ ގެންދަނީ ވީޓޯގެ ބޭނުންކޮށްގެން އެގަރާރު ބާތިލް ކުރަމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލުވަނީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ މުޖްތަމައަށް ނުކިޔަމަންތެރި ހަރުކަށި ނުވަތަ ރޯގް ސްޓޭޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހިތްވަރު އިސްރާއީލަށް ލިބެއެވެ.
އިސްރާއީލުގެ ސްޓޭޓް ޓެރަރިޒަމާއި ލާއިންސާނީ ޖަރީމާތައް ދިފާއުކޮށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި އިސްރާއީލު ދިފާއުކުރާ މައިގަނޑު ގައުމަކީ އެމެރިކާއެވެ. ދެން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ.