މި އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް 1.18 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، މި އަދަދަކީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 19.4 ޕަސަންޓް ދަށް އަދަދެއް ކަމަށް މީރާއިން ބުނެފިއެވެ.

މީގެ އިތުރުން، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ވެސް 15.8 ޕަސެންޓް ދަށް އަދަދެކެވެ.

އާމްދަނީ ދަށްވި މައިގަނދު ސަބަބަކީ، ޓޫރިޒަމް ލޭންޑް ރެންޓްއާއި ޖީއެސްޓީ އާއި ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ އިތުރުން ކޯޕަރޭޓް އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ.

މިހެން ދިމާވީ ގްރީން ޓެކްސް އާއި ޖީއެސްޓީގެ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުގެ ސަބަބުން، މި ސުންގަޑި މި މަހުގެ ފުރަތަމަ ހަފްތާއަށް ފަސްވުމުންނެވެ.

އޭގެ އިތުރުން، އެއާޕޯޓް ޓެކުހާއި ފީ އާއި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ސުންގަޑި ވެސް މި މަހުގެ ފުރަތަމަ ހަފުތާއަށް ފަސްވުމުގެ ސަބަބުން މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ވަނީ މި މަހަށް ފަސްވެފައެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން 523.05 މިލިއަން ރުފިޔާ ލިބިފައިވަނީ ޖީއެސްޓީއިންނެވެ. އެއީ ޖުމުލަ އާމްދަނީގެ 44.2 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ އާމްދަނީގެ 19.6 ޕަސެންޓް ނުވަތަ 232.29 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 136.80 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 71.19 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 67.73 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.42 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.62 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާއިން ބުންޏެވެ.