އިންތިޚާބީ ރައީސްގެ އޮފީހުން ސަރުކާރަށް އިތުރު ބަދަލެއް ނުގެނައުމަށް އެދިލައްވާފައި ވަނިކޮށް، ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރަށް ރުހުން ހޯދުމަށް، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަން ދިރާސާ ކުރުމަށް މިއަދު ޚާރިޖީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ސިޓީ މަޖިލީހަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.

ރައީސް ޞާލިޙު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ މިވަގުތު ޕާކިސްތާނުގައި ހުންނެވި ސަފީރު ބަދަލުކުރުމަށެވެ. އެގޮތުން ހުށަހަޅާފައިވާ ނަމަކީ ހ. ސެލީނާ ޚަދީޖާ ނަޖީޙާއެވެ. އޭނާ އަކީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ކަމުގެ މަގާމު ފުރުއްވާ ބެފުޅެއްވެސްމެއެވެ.

މި ވަގުތު ޕާކިސްތާނުގެ ސަފީރަކަށް ހުންނެވީ ގ. ޗޭނުގެ، ފަރުޒާނާ ޒާހިރުއެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ 2020 ވަނަ އަހަރުއެވެ.

މީގެ އިތުރުން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިވަގުތު އެކުވެރި އަރަބި އިމާރާތުގައާއި ބަންގްލަދޭޝްގައި ހުންނެވި ސަފީރުން ބަދަލުކުރުމަށް ހުށަހަޅާފައިވާ ސިޓީ ޚާރިޖީ ކޮމިޓީއަށް ފޮނުވައިފައެވެ.

މަޖިލީހުން މި ދެ ސިޓީ ކޮމިޓީތަކަށް ފޮނުވާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މި މުއްދަތުގެ ތެރޭގައި މިފަދަ ބަދަލުތައް ނުގެނައުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ޞާލިޙު އެ ސިޓީތައް ފޮނުވާފައި ވަނީ އިންތިޚާބީ ރައީސް އެކަމަށް އެދިވަޑައިގަތުމުގެ ކުރިންނެވެ.

ނަމަވެސް ޕާކިސްތާނުގެ ސަފީރު ބަދަލުކުރުމަށް ރައީސް ޞާލިޙު ސިޓީފުޅު ފޮނުއްވާފައިވަނީ އިއްޔެ ކަމަށް ވުމުން ބައެއް މެންބަރުން ވަނީ އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައިފައެވެ.

އެގޮތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އަންނަ މަހުގެ ނޮވެމްބަރު މަހުގެ 17ގައި ރައީސް ޞާލިޙުގެ ވެރިކަން ނިމިގެން ދާއިރު، އެއީ ޑިމޮކްރެޓިކް އުސޫލުން ކަންކުރަން ވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ކުރަންވާނެ ކަމަކީ އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އިންތިޚާބީ ރައީސް އެބަ ބުނޭ ސިޓީފުޅެއް ފޮނުއްވާފަ ވަރަށް ސާފުކޮށް ވަކި ކަންތައްތަކެއް ނުކުރަން. އެހެން އެގޮތަށް އަންގަވާފައި އޮއްވާ އެކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކަން ނުކުރަން ގޮވާލައި އަމުރެއް ނެރެންޖެހޭނެ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވެސް ވަނީ އިތުރު ސަފީރެއް އައްޔަން ކުރުމާ މެދު ދެކޮޅު ހައްދަވައިފައެވެ.

އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ކޮމިޓީއަށް ފޮނުވުމުން އެކަން ދިރާސާކުރައްވާ އެކަންކަމަށް ރިއާޔަތްކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުން ވަނީ ރައީސް ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވަނީ އިންތިގާލީ މުއްދަތުގެ ތެރޭގައި ވަކި ކަންކަމެއް ނުކުރުމަށް އެދިލައްވައިފައެވެ.

ރައީސް ޞާލިޙު ވަނީ އެމަނިކުފާނު އެދިލެއްވި ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.