11 Oct 2023, 16:15
ގޫގުލްއިން ބަޖެޓް ޕިކްސެލް ފޯނެއް ނުނެރެން ނިންމައިފިއެވެ.
ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ދުނިޔެއަށް ދިމާވި އިޤްތިޞާދީ ދަތިތަކުން މީހުންނަށް އަރައި ނުގަނެވި މިވީ ދުވަސްތަކުގައި، އަގުބޮޑު ފޯނުތަކެއް ވަނީ ބާޒާރަށް ނެރެފައެވެ.
ކުރިއަށް ނެރެން ހަމަޖެހިފައިވާ ގޫގުލް ޕިކްސެލް 8 ގެ އާ ފޯނުތަކަކީވެސް އެހެން އަހަރުތަކާ އަޅާބަލާއިރު، މާއަގުބޮޑު ފޯނުތަކެއް ކަމަށްވުމުން، ގިނަބަޔަކު އިންތިޒާރުކޮށްގެން ތިބީ ގޫގުލްއިން ބަޖެޓް ފޯނެއް ނެރޭނެ ދުވަހަކަށެވެ.
އެންޑްރޮއިޑްގެ ޚަބަރުތަކާއި، މައުލޫމާތުތައް ގެނެސްދޭ އެންޑްރޮއިޑް ޕޮލިސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޫގުލްއިން އެފަދަ ފޯނެއް އުފެއްދުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.
ގޫގުލް ޕިކްސެލް 8 ގެ އާ ފޯނުތައް މި މަހު ރިލީޒްކުރުމުގެ ކުރިން ޕްރީ އޯޑަރަށް ލިބެން ހުރިއިރު، އާ ފޯނުތަކުގެ ކެމެރާ، އޭއައި އަދި ސެކިއުރިޓީގެ ފެންވަރު ރަނގަޅު ވުމުން އެއީ ހެޔޮ އަގުގައި ވިއްކޭނެ ފޯނުތަކެއް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގޫގުލްއިން ބުނި ގޮތުގައި ޕިކްސެލް 8ގެ އަގުބޮޑުވުމަކީ މައްސަލައެއް ނޫނެވެ. އެގޮތުން އޭގެ އަގު ހުރީ އެއުފެއްދުމުގެ ހަރަދާ އެކަށީގެންވާ މިންވަރެއްގައި ކަމަށް އެ ކުންފުނިން ބުނެއެވެ. ގޫގުލްއިން ބުނީ ޕިކްސެލް 8ގެ އަގުތަކަކީ އޭގެ ފެންވަރާ އަޅާ ބަލާއިރު ވެސް އެކަށީގެން އަގުތައް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޕިކްސެލް 7 އާ އަޅާބަލާއިރު ޕިކްސެލް 8 ގައި ގާތްގަނޑަކަށް ހުރިހާ ކަމެއް ވެސް ވަނީ އަޕްޑޭޓް ކޮށްފައެވެ.
ޕިކްސެލް 8 އެމެޒޯންއިން ލިބެންހުރީ 699 ޑޮލަރަށެވެ. އަދި ޕިކްސެލް 8 ޕްރޯގެ އަގު ހުރީ 999 ޑޮލަރަށެވެ.
އާ ޕިކްސެލް ފޯނުތަކަށް 2030 ވަނަ އަހަރާ ހަމައަށް ސަޕޯޓް ދޭނެކަމަށް ގޫގުލްއިން ވައުދުވާއިރު، އޭގެ ތެރޭގައި އެންޑްރޮއިޑް އަޕްޑޭޓްތައް ވެސް ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ގޫގުލްއިން ވަނީ ފޯނު ރިޕްލޭސްމަންޓް ޕާޓްސް ގަނެވޭނެ ގޮތް ހަދައި، އޯނަރުންނަށް އަމިއްލައަށް ފޯނު މަރާމާތު ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބުނެފައެވެ.