އެކްޓަރު އާމިރު ޚާން ޑައިރެކްޓްކޮށް ބެލުންތެރިން ރޮއްވާލި ފިލްމު "ތާރޭ ޒަމީން ޕަރް" އާ ދާދި އެއް ގޮތް ފިލްމެއް ގެނެސްދޭން ތައްޔާރު ވަމުން އަންނަ ކަމަށް އާމިރު ޚާން ބުނެފިއެވެ.

މުމްބާއިގައި ކުރިޔަށް ދިޔަ އިވެންޓެއްގައި ވާހަކަ ދައްކަމުން އާމިރު ޚާން ބުނީ އުފައްދަން ގަސްތު ކޮށްފައިވާ ފިލްމާ ބެހޭ މާގިނަ މަޢުލޫމާތު އަދި ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެއީ ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ތީމާ ދާދި އެއް ފިލްމެއް ކަމަށާއި ފިލްމުގެ ނަމަކީ "ސިތާރޭ ޒަމީން ޕަރު" ކަމުގައެވެ.

އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން 2007ވަނަ އަހަރު ގެނެސްދިން "ތާރޭ ޒަމީން ޕަރު" އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ.

އަލަށް އުފައްދަން ގަސްތު ކުރި ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ވާހަކަ ގެނެސްދޭނީ ދިހަ ފިޔަވަޅު ކުރިޔަށް ޖައްސާލުމަށް ފަހު ކަމަށް ހުނަރުވެރި ޑައިރެކްޓަރު ވަނީ ބުނެފައެވެ. "ތާރޭ ޒަމީން ޕަރު" އަކީ ބެލުންތެރިން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި ރޮއްވާލި ފިލްމެއް ނަމަވެސް "ސިތާރޭ ޒަމީން ޕަރު" އެއީ ބެލުންތެރިން ހެއްވާލާނެ ފިލްމެއް ކަމަށް އާމިރު ޚާން ވަނީ ބުނެފައެވެ.

އާމިރު ޚާން ޑައިރެކްޓް ކުރާ މި ފިލްމުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް އަދި ފިލްމުގައި ހިމަނާނެ ކާސްޓުންނާ ބެހޭ މަޢުލޫމާތު އަދި ހިއްސާ ކޮށްފައެއް ނުވެއެވެ. އިތުރު ފިލްމެއް އުފައްދާނެ ކަން އިއުލާނު ކޮށްފައި ވާއިރު އާމިރު ޚާން ވަނީ އަމިއްލަ ކުންފުނިން ފިލްމުތަކެއް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ސަމާލުކަން ހޯދި އާމިރު ޚާންގެ ފިލްމު "ތާރޭ ޒަމީން ޕަރު" އަކީ ޑިސްލެކްސިއާގެ ޝިކާރަ އަކަށް ވެފައިވާ ކުއްޖެއްގެ ހަޔާތުގެ ވާހަކަތައް ކިޔައިދިން ވަރަށް ރީތި ފިލްމެކެވެ. އަދި މި ޙާލަތު ދިމާވެފައިވާ ވަރަށް ގިނަ ކުދިންގެ ޢާއިލާތައް ހޭލުންތެރިވެ މި ފިލްމުގައި ގެނެސްދެވުނު ވާހަކައިގެން ޒަރީއާއިން އެފަދަ ކުދިންގެ ދިރިއުޅުމަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ހަމަ އެއާއެކު މިފަދަ ވާހަކަ އެއްގެ މައްޗަށް ފިލްމެއް ގެނެސްދިނީތީ އާއްމުންގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި ޝުކުރު އާމިރު ޚާނަށް ވަނީ ލިބިފައެވެ.