ކުރިޔަށް އޮތް ނޮވެމްބަރު މަހު ރިލީޒް ކުރަން ތައްޔާރު ވެފައިވާ ފިލްމު "ޓައިގާ3" އަކީ މިހާތަނަށް ކުޅުނު އެންމެ ޗެލެންޖިންގް އެކްޝަން ފިލްމު ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.

ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ ފްރެންޗައިސް "ޓައިގާ" ގެ ބަތަލާ ބުނީ، ފިލްމުގައި ހިމެނޭ އެކްޝަން ސީންތައް އެންމެ ފުރިހަމައަށް ގެނެސްދިނުންވީ ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

ސަލްމާން ޚާން ލީޑް ރޯލްއިން ފެންނަ މި ފިލްމުގައި ސަލްމާން އާ އެއް ފެންވަރަކަށް އެކްޝަން ސީންތައް ނުގެނެސްދެވުނު ނަމަވެސް ޑައިރެކްޓަރު އުއްމީދު ކުރި ފެންވަރަށް ކެޓްރީނާގެ ސީންތައް ގެނެސްދެވުނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އަދި އަމިއްލަ ހަށިގަނޑު އެކަމަށް ވަރަށް ބޮޑަށް ތައްޔާރުކުރި ކަމަށާއި އެކަން ފިލްމު ރިލީޒް ވުމުން ބެލުންތެރިންނަށް އިހުސާސް ކޮށްލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

ކެޓްރީނާއަށް އެންމެ ކަމުދަނީ އެކްޝަން ޖޯންރާގެ ފިލްމުތައް ކަމަށާ 'ޒޯޔާ'ގެ ރޯލް ލިބުމަކީ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި ކަމެއް ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ. ހަމަ އެއާއެކު ސްޕްއި ޔުނިވާސްގެ ފުރަތަމަ އަންހެން ސްޕައިގެ ކެރެކްޓާއަށް ކެޓްރީނާ ވުމީ ވެސް އެކަމާ ވަރަށް ފަޚުރުވެރިވާ ކަމެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު ރިލީޒް ކުރާ ދުވަސް ކައިރި ވަމުން އަންނަ ވަރަކަށް ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވޭ ކަމަށާ ބެލުންތެރިން ފިލްމާ މެދު ދެކޭގޮތް ބަލާލަން ކެތްމަދު ވެފައިވާ ކަމަށްވެސް ކެޓްރީނާ ވަނީ ބުނެފައެވެ.

ސަލްމާން ޚާން އާއި ކެޓްރީނާގެ އިތުރުން "ޓައިގާ3" އިން އެކްޓަރު އިމްރާން ހާޝްމީ، ބަތަލާ ރިދީ ދޯގްރާ އަދި ވިޝާލް ޖޭތުވާ މުހިއްމު ރޯލް ތަކުން ފެންނާނެއެވެ. އަދިތުޔަ ޗޯޕްރާ ޕްރޮޑިއުސްކޮށް މަނީޝް ޝަރުމާ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 10 އެއް ނޮވެމްބަރު ގައެވެ.