ބޮލީވުޑް ބަތަލާ ސުޝްމިތާ ސެންގެ ކްރައިމް ތުރިލަ ވެބް ސީރީސް "އާރިޔާ"ގެ ތިން ވަނަ ސީޒަންގެ ޓީޒާ އާއްމުން ނަށް ދައްކާލައިފިއެވެ.

ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ސްޓްރީމް ކުރަމުން އަންނަ ސީރީސްގެ ތިންވަނަ ސީޒަން އަންނަ މަހު ތިންވަނަ ދުވަހުން ފެށިގެން ސްޓްރީމް ކުރަން ފަށާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

ސުޝްމިތާ ސެން ހިމެނޭ ގޮތަށް ވަރަށް ބޮޑު ކާސްޓަކާ އެކު ފެށި މި ވެބް ސީރީސްގެ ފުރަތަމަ ސީޒަން ސްޓްރީމް ކުރަން ފެށީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭރު ނުވަ އެޕިސޯޑުގެ މައްޗަށް ބިނާކޮށް ގެނެސްދިން މި ސީރީސް އަށް ލިބުނު ތަރުހީބާ އެކު ދެވަނަ ސީޒަން ރިލީޒްކޮށްފައިވަނީ ޖެހިގެން އައި އަހަރުގެ ޑިސެމްބަރ މަހު ތެރޭގައެވެ.

ތިން ވަނަ ސީޒަން އިން ސުޝްމިތާ ސެން ފެންނާނީ މާފިއާ ކުއީން އެއްގެ ރޯލް އިންނެވެ. އަމިއްލަ ޢާއިލާ ސަލާމަތް ކުރުމަށް ޓަކައި އަންހެނަކު ވާ ގުރުބާނީ ތަކެއް މި ފަހަރުގެ ސީޒަން އިން ފެންނަ އިރު ޓީޒާއިން ފެންނަނީ ސުޝްމިތާ ކުޅޭ ރޯލް އާރިޔާ ސަރީން މަރުގެ ތުންފަތް މައްޗަށް ވެއްޓޭ މަންޒަރެވެ.

މި ސީޒަނުގެ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ތެރޭ ސުޝްމިތާ ވަނީ ހާޓް އެޓޭކެއް ޖެހި ހިތުގެ ބައްޔަށް ފަރުވާ ވެސް ހޯދާފައެވެ. މި ސީރީސް އަކީ އެންޑެމޮލް ޝައިން ގްރޫޕްގެ އުފެއްދުމެކެވެ.

"އާރިޔާ"ގެ ފުރަތަމަ ސީޒަން ވަނީ އެ އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ސީރީސްގެ އެވޯޑަށް ވެސް ނޮމިނޭޓް ވެފައެވެ. އަދި 2020ވަނަ އަހަރު ފިލްމު ފެއާ އިން ސްޓްރީމިންގް ޕްލެޓްފޯމްތަކުގެ އުފެއްދުންތަކަށް ދިން އެވޯޑްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ސުޝްމިތާ ވަނީ ކާމިޔާބު ކޮށްފައެވެ.